ރާއްޖޭގެ ގިނަ ރަށްތަކެއްގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުން ވަގުތީ އިމާމުން ބޭނުންކުރަން ޖެހުމަކީ މިހާރު ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. މި މައްސަލަ ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިސްކިތްތަކުގެ އަދަދު އިތުރުވުމާއި، އިމާމުކަމުގެ ވަޒީފާ އަދާކުރެވޭ ފެންވަރުގެ މީހުން ބައެއް ރަށްރަށުގައި މަދުވުން ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން ދަނީ މުހިންމު ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކުރަމުންނެވެ. އޭގެ ތެރޭގައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މި ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން، އިމާމުކަމުގެ ރަސްމީ ކޯހެއް ފުރިހަމަކޮށްފައި ނެތް ނަމަވެސް އެކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް އާ ނިޒާމެއް ތަޢާރަފްކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިނިސްޓްރީން ކަނޑައަޅާ ވަކި މުޤައްރަރެއްގެ ދަށުން ކޮންމެ އަހަރަކު އިމާމުކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ބާއްވައި، އެ އިމްތިޙާނުން ފާސްވާ ފަރާތްތަކަށް އިމާމުކަން ކުރުމުގެ ހުއްދަ ދިނުމަށް ވަނީ ރޭވިފައެވެ.
މިނިސްޓަރު ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، މިކަމާ ގުޅޭގޮތުން ކަމާބެހޭ އެހެނިހެން އިދާރާތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްވަރާތަކަށްފަހު، މިކަމުގައި ކުރިއަށްދާނެ ގޮތުގެ ތަފްސީލުތައް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.