ޤުރްއާން ހިތުދަސްކުރާ ދަރިވަރުންގެ ޢަދަދު އިތުރުވަމުންދާތީ، ޙާފިޒުން އިންތިޙާން ކުރާ ކޮމިޓީތައް އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ މިނިސްޓްރީން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ޙާފިޒުން އިމްތިޙާނު ކުރުމުގެ ނިޒާމް އިތުރަށް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ބަދަލާއެކު އެއް ވަގުތެއްގައި ގިނަ ދަރިވަރުންނަށް އިމްތިޙާން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި ނިންމުމަކީ ރާއްޖޭގައި ޤުރްއާން ހިތުދަސްކުރާ ކުދިންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ، އެ ކުދިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޙާފިޒުން އިންތިޙާން ކުރާ ކޮމިޓީތައް އިތުރުވުމުން، އިމްތިޙާނަށް އިންތިޒާރު ކުރަންޖެހޭ ވަގުތު ކުޑަވެ، މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ މިނިސްޓްރީން ދަނީ ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ޙާފިޒުން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޙާފިޒުންގެ ފެންވަރު ދެމެހެއްޓުމަށާއި، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގަމުންދާކަން ފާހަގަކުރެވެއެވެ.