ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް 18 ރަށަކާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް 18 ރަށަކާ ހަވާލުކޮށްފި

ފެންބޮޑުވުމުގެ ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރާއްޖޭގެ 18 ރަށަކާ ހަވާލުކޮށްފިއެވެ. މިއީ ޖަޕާނުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 40 ޕަންޕު ލިބިފައިވާއިރު، އަމާޒަކީ 20 ރަށަކަށް މި ތަކެތި ފޯރުކޮށްދިނުމެވެ. މިހާތަނަށް 18 ރަށަކަށް ޕަންޕުތައް ހަވާލުކޮށްފައިވާއިރު، ކޮންމެ ރަށަކަށް ދެ ޕަންޕާއި އެއަށް ބޭނުންވާ އިތުރު ސާމާނު ދޫކުރެވޭނެއެވެ. ޕަންޕުތައް ދޭނެ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ މީގެ ކުރިން ޕަންޕު ފޯރުކޮށްދީފައިނުވާ، އަދި ގިނައިން ފެންބޮޑުވުމުގެ ހާދިސާތައް ރިޕޯޓްކުރާ ރަށްތަކަށެވެ.

މި މަޝްރޫޢުގެ ދެވަނަ ބުރުގައި އިތުރު 14 ރަށަކަށް ޕަންޕު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތަކުގައި ހަރުދަނާކޮށް، ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ދަނީ ރަށްރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމްތައް ގާއިމުކުރުމާއި، ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

މިއަދު އޮންލައިން