ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ފިޔަވަޅު އަޅުއްވަނީ ވަރަށް ބޮޑަށް ރޭވިގެން، މުޅި މައްސަލައަށް ވަށައިޖެހޭ ހައްލެއް ލިބޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ ކޮންމެ ކަމެއްގައިވެސް ދުޅަހެޔޮ މުޖުމަތަޢެއް ބިނާވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ވަށާޖެހޭ ސިއްޙީ ދުޅަހެޔޮކަމުގެ ސިޔާސަތެއް ތަންފީޒުކުރައްވަން ފެއްޓެވީ އެ މަޤުސަދު ހާސިލުކުރުމަށް ކަމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެތައް ޤައުމަކަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި، ރައްޔިތުން އެކަމުން ދުރުކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން، ދުންފަތާ މީހުން ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ވޭޕް މަނާކޮށް، ޖެނަރޭޝަނަލް ބޭންއެއް ތައާރަފުކުރީ އެ ބޭނުމުގައި ކަމަށާއި، ވޭޕް މަނާކުރުމުން އެ ބޭނުންކުރާ ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް ވަދެގެން ހިނގައިދާނެތީ އެފަދަ ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމެވީ ކަމަށްވެސް ވިދާޅުވިއެވެ.
ޑިއުޓީއަށް ގެނައި ބަދަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ: "އެއީ ހަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ތެރެއަށް ވަރަށް ގިނަބަޔަކު ވޭޕް ހުއްޓާލުމުން ވަދެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން، އެކަމަށް ވިސްނާފައި. އެކަމުގެ ނަތީޖާވެސް ރަނގަޅު. ދެން މިހާރު އަޅުގަނޑުމެން މިވަނީ ނިންމާފައި ޑަބްލިޔުއެޗްއޯއިން ހަދާފައި އޮތް ދިރާސާގައި އޮތް ޓޭބަލަށް ބަލައިގެން މިއަހަރަށް އަދި އަންނައަހަރަށް ކަނޑައަޅާފައި ހުރި ރޭޓުތައް އެބަހުރި. އެހެންވެ އެއަށް ބަލާފައި އަޅުގަނޑުމެން މިކަނޑައެޅީ ބޮޑުކޮށްފައި މިއޮތް ސްޕެސިފިކް ރޭޓުން ކުޑަކުރަން 4 ރުފިޔާއަށް."
ސަރުކާރުގެ މި ނިންމެވުންތަކަކީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ދިރާސާތަކާއި ރޭޓުތަކަށް ރިޢާޔަތްކޮށް، ދިގު މުއްދަތަކަށް އަމާޒުކޮށްގެން އަޅާފައިވާ ފިޔަވަޅުތަކެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުން ވަނީ ހާމަވެފައެވެ.