މި ދައުރުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
މި ދައުރުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ: ވަޒީރު

ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ހުރި ދަތިތައް ފިލުވައި، މިހާރު ފެށިފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތްތައް މި ދައުރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޞިއްޙީ ދާއިރާގައި ކުރިއަށް ގެންދާ އެކި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީކުރުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވީ ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަސައްކަތްތައް ލަސްވެފައިވާ ކަމަށެވެ. ނަމަވެސް، އެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ހުއްޓިފައި ހުރި މަސައްކަތްތައް މި މަހުގެ ތެރޭގައި އަލުން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ވިދާޅުވީ، "މި ދައުރުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ. މިހާރު ހުރި ހޮސްޕިޓަލްތަކަކީ ރީޖަނަލް ހޮސްޕިޓަލް ފެންވަރުގައި ހުރި ތަންތަން. ޞިއްޙީ ޚިދުމަތް ދޭ ތަންތަނަކީ އެކި ފެންވަރުގައި އެކި ޚިދުމަތް ދޭ ތަންތަން. ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ބަދަލުކުރުމަށް ބުނެފިނަމަ އެ ފެންވަރަށް ގެނައުމަށް މަސައްކަތް ކުރާނެ،" ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ރަށްރަށުގައި ގާއިމުކުރެވޭ ޞިއްޙީ ވަސީލަތްތަކުގެ މަސައްކަތްތައް އަވަސްކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން