ވިލުންވެށި ގްރާންޓް ޕްރޮގްރާމްގެ ދަށުން ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެސްއެމްއީ ޑިޖިޓަލްއިން މަޢުލޫމާތު ދޭ ގޮތުގައި، މި ފުރަތަމަ ބުރުގައި ޖުމްލަ 150 ފަރާތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. ހުށަހަޅާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ އެކަށީގެންވާ 50 ފަރާތަކަށް ގްރާންޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ ކަނޑައެޅިފައިވާ 150 ހުށަހެޅުން ހަމަވުމުން ނުވަތަ އެޕްލިކޭޝަނަށް ހުޅުވާލިތާ އެއްމަސް ދުވަސް ހަމަވުމުންނެވެ. އެގޮތުން އެންމެ ފަހު ތާރީޚަކީ އަންނަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހެވެ.
މި ސްކީމްގެ ދަށުން މައިގަނޑު ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާތަކަށެވެ. މީގެ އިތުރުން ޑިޖިޓަލް އަދި ތިމާވެއްޓާ ރައްޓެހި އައު އީޖާދުތަކަށްވެސް މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ލިބޭނެއެވެ.
އޭގެ އިތުރުން، އުފެއްދުންތެރިކަން އިތުރުކުރުމާއި، އުފެއްދުންތައް ބާޒާރަށް ނެރުމުގެ އައު ގޮތްތައް ތަޢާރަފްކުރުމަށް ހިންގާ ހަރަކާތްތަކަށްވެސް މާލީ އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ވިލުންވެށި ގްރާންޓް ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިޖިޓަލް ގުޅިގެންނެވެ.
މި ހަރަކާތަކީ "އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް" ގެ ދަށުން ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެއްކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދެއެވެ.