އިނގިރޭސިވިލާތައް އެތެރެކުރާ މަހުން ނަގާ ޓެރިފް ކަނޑާލުމުން އެންމެ ބޮޑު ކާމިޔާބެއް ލިބުނު ޤައުމަކީ ދިވެހިރާއްޖެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
އިނގިރޭސިވިލާތައް އެތެރެކުރާ މަހުން ނަގާ ޓެރިފް ކަނޑާލުމުން އެންމެ ބޮޑު ކާމިޔާބެއް ލިބުނު ޤައުމަކީ ދިވެހިރާއްޖެ: ވަޒީރު

އިނގިރޭސިވިލާތައް އެތެރެކުރާ މަހުން ނަގާ ޓެރިފް ކަނޑާލުމުން އެންމެ ބޮޑު ކާމިޔާބެއް ލިބުނު ޤައުމަކީ ދިވެހިރާއްޖެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެއި މަހުގެ 20 ވަނަ ދުވަހު އިނގިރޭސިވިލާތުން ވަނީ އެ ޤައުމަށް އެތެރެކުރާ މަހުން ނަގާ ޓެރިފް ކަނޑާލާފައެވެ. އިނގިރޭސި ސަރުކާރުގެ މި ނިންމުމަކީ ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެ ޤައުމުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ގެނައި ބަދަލެކެވެ. މި ބަދަލާއެކު ދިވެހި މަސްވެރިންނަށާއި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އިނގިރޭސިވިލާތުން ޓެރިފް ކަނޑާލީ ހަމައެކަނި ރާއްޖެއަށް ނޫންކަމުގައިވީ ނަމަވެސް، އެކަމުން ވަކި ޤައުމަކަށް އެންމެ ބޮޑު ފައިދާއެއް ލިބިގެންދިޔައީ ރާއްޖެއަށް ކަމަށެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އަދުގެ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެންވެސް ހަޤީގީ މަސައްކަތްތަކެއް ތެދު ނިޔަތަކާއިއެކު ކުރަމުންދިޔަ ކަމަށެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތައް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޭއްވެވި ކޮންމެ ބައްދަލުކުރެއްވުމެއްގައިވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާކުރައްވާފައިވަނީ މަހުގެ ޓެރިފް ކަނޑާލުމާ ގުޅޭގޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ނިންމުމުގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް ޑިމާންޑް އިތުރުވެ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން