އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު
އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މަޢާފުކޮށްދިނުމުގެ މުއްދަތު ހަމަވާން ކައިރިވެއްޖެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، 1 އޭޕްރިލް 2024 އިން ފެށިގެން ޖޫރިމަނާއާ ނުލައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. މި އިންތިޒާމުގެ ދަށުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ބިލުތަކަށް ޖޫރިމަނާ މަޢާފުކުރެވޭނެއެވެ.
މި ލުއި ދެވެނީ ހަމައެކަނި އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ބިލުތަކަށް، އެބަހީ ޑޮމެސްޓިކް ކަސްޓަމަރުންނަށެވެ. ޖޫރިމަނާ މަޢާފުކުރެވޭނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާ ނުލާ ބާކީ އަދަދު) ދެއްކުމުންނެވެ.
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް، ޖޫރިމަނާއާ ނުލައި ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، މި ތާރީޚުގެ ނިޔަލަށް ޔޫސޭޖް އަދަދު ދައްކާ ޚަލާޞް ނުކުރެވޭނަމަ، އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު 1 ޖަނަވަރީ 2025 އިން ފެށިގެން އަލުން ބިލުތަކުގައި ހިމެނިގެންދާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރައްޔިތުންނަށް ސްޓެލްކޯގެ ހޮޓްލައިން 1545 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެ ކުންފުނިން އެދިފައިވެއެވެ.
Advertisement
10 ޑިސެމްބަރ 2024