ޗައިނާ ފަތުރުވެރިންގެ އެންމެ މަޤްބޫލު 10 މަންޒިލުގެތެރޭގަ ރާއްޖެ ހިމެނޭ- ސަފީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޗައިނާ ފަތުރުވެރިންގެ އެންމެ މަޤްބޫލު 10 މަންޒިލުގެތެރޭގަ ރާއްޖެ ހިމެނޭ- ސަފީރު
ޗައިނާ ފަތުރުވެރިންގެ އެންމެ މަޤްބޫލު 10 މަންޒިލުގެތެރޭގައި ރާއްޖެ މިހާރުވެސް ހިމެނޭ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ލިޒޯންގ ވިދާޅުވެއްޖެއެވެ.

ސަފީރު މިއަދު ވިދާޅުވީ ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކާއި ސާފު މޫދާއި ފެހި ރުއްތަކަކީ ޗައިނާ ފަތުރުވެރިންގެ ޝައުޤުވެރިކަން ރާއްޖެއަށް އިތުރުވެގެންދާ ބައެއް ސަބަބުތައް ކަމަށެވެ. އެއް ޤައުމަކުން ރާއްޖެއަށް ޒިޔާރަތްކުރި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ޤައުމަކީ ޗައިނާ ކަމަށްވެފައި ފާއިތުވި 7 އަހަރު އޮތުމަކީ ރާއްޖޭގެ މަޤްބޫލުކަން އަންގައިދޭ ސަބަބެއް ކަމަށެވެ.

"ރައްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައަކީ ޗައިނާގެ ފަތުރުުވެރިން. މިހާރުވެސް ކޮންމެ ހަފްތާއަކު 13 ރޫޓަކުން 20 ފްލައިޓު ދެ ޤައުމުގެ ދޭތެރޭ ދަތުރުކުރޭ."

ސަފީރު ވިދާޅުވީ ޗައިނާ ފަތުރުވެރިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާތައް އިތުރުވެ އެކަމުގެ ފައިދާ ދިވެހިންނަށް ކުރާ ކަމަށެވެ. ހަމައެއާއިއެކު ދެ ޤައުމުގެ ރައްޔިތުން ބައްދަލުވެ މުޢާމަލާތުކުރަމުން ގެންދާތީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް އަންނަނީ އިތުރަށް ބަދަހިވަމުން ކަމަށެވެ.

ސަފީރު މިއަދުވެސް ވަނީ ރާއްޖެއަކީ 21 ވަނަ ޤަރުނުގެ ސިލްކް ރޫޓުގެ ފުރިހަމަ ބައިވެރިއެއް ކަމާއި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތްތަކާއި އެއާޕޯޓުގައި އަޅަމުން ގެންދާ ދެވަަނަ ރަންވޭނެ މަސައްކަތް އަންނަ އަހަރު ނިމޭނެކަން ފާހަގަކުރައްވައިފައެވެ. އަދި ރަންވޭ ނިމުމުން ބައިނަލްއަޤްވާމީ ފަތުރުވެރިންނަށާއި އެތެރޭގެ މަންޒިލުތަކަށް އުދުހޭ ފަސިންޖަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަންވެސް ސަފީރު ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން