ގޭސްޓްރިކް ކެންސަރު ޖެހިފައިވާ ބަލި މީހެއްގެ މައިދާ ނަގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބު އަދި އެހާމެ އުނދަގޫ ބޮޑު އޮޕަރޭޝަނެއް ކޮށްފިއެވެ. މިއޮޕަރޭޝަން ކުރީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ.
އުމުރުން 70 އަހަރުގެ ބަލިމީހެއްގެ ކެންސަރު ޖެހި ހަލާކުވެފައިވާ މައިދާ ވަކިކޮށް ނަގައި، މަސްނުވީ މައިދާއެއް ހެދުމުގެ އެއޮޕަރޭޝަން ކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ އޮންކޮސަރޖަން (ކެންސަރު އޮޕަރޭޝަން ކުރާ) ޑޮކްޓަރު، ޑރ، މުޙައްމަދު ޝިފާން އެވެ.
އެބަލިމީހާއަކީ މާއިދާ އެތެރެ ފާރުގެ ސްކިން ސެލް އިން އުފެދެން ފަށާ ކެންސަރެއް ކަމަށްވާ ކާސިނޯމާ ޖެހިފައިވާ ބަލިމީހެކެވެ. އެފަދަ ކެންސަރު ޕޭޝަންޓުންނަށް އާންމުކޮށް ކެންސަރު ބަލި ޖެހިފައިވާ އެހެން މީހުންނެކޭ އެއްފަދައިން ރޭޑިއޭޝަން ތެރަޕީ، ކީމޯތެރަޕީ، ޓާގެޓެޑް ތެރަޕީ އަދި ސަރޖަރީ މެދުވެރިކޮށް ފަރުވާ ދެވެއެވެ.