މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ކުއްތާތައް (ފާރަގެމަ) އިތުރު ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްތަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމުގައި އުޅޭ މީހުންނަށް ދެވެން އޮންނަ އެންމެ ހަރުކަށި އަދަބެއް ވެސް ދެއްވާނެ ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގޮތުން ފޭސްބުކް މެދުވެރިކޮށް އުމަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު ހިންގަމުންދާ ހުރިހާ ނުބައި ކަމެއްގެ އަސްލަކީ މަސްތުވާތަކެތި ކަމަށާއި އެއީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ހައްލު ކުރެވުނު މައްސަލައެއް ނޫން ކަމަށެވެ. އަދި ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ނިކުންނަން ޖެހޭ ކަމަށް ވެސް ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވިއެވެ.