ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކަމަށް ބުނެ އެމްޑީޕީއާ ދެކޮޅަށް ހައި ކޯޓަށާއި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އައްބާސް ޝަރީފް މިއަދު ވިދާޅުވީ ރައީސްގެ އަބުރަށް އަރައިގެންފައިވާތީ އެކަމާ ދެކޮޅަށް ސިވިލް ކޯޓަށް ތިން މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
މީގެއިތުރުން އިންތިޚާބީ ހައްގަކަށް އަރައިގެންފައިވާތީ އެކަމަށް ފިޔަވަޅު އަޅައިދިނުމަށް އެދި ހައި ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް މައްސަލަތައް ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.
ރައީސް ޔާމީން އަބުރުގެ ދައުވާ ކުރައްވަން ނިންމެވީ، ރާއްޖޭން ބޭރުގައި ގަވާއިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، އެމަނިކުފާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައި އެކަމަކާ ބެހޭ ގޮތުން އެޕާޓީގެ އިސް ބައެއް ބޭފުޅުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކެވުމުންނެވެ.