އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނާމެދު ދޮގު ތުހުމަތުކޮށް، އަދި އެވާހަކަތައް ލައިވް ޓީވީ ތަކުގައި ދައްކާ ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރުމަށް އެކޮމިޝަނުން މިއަދު ނިންމައިފިއެވެ.
އީސީ ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އަބުރުގެ ދައުވާ ކުރަން ފެންނަ މީހުންގެ މައްޗަށް އަބުރުގެ ދައުވާ ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާއި އެކޮމިޝަނުން އެގޮތަށް ނިންމާފައިވަނީ ޕީޕީއެމް އޮފީސް ކައިރިގައި ބަޔަކު ކޮންމެ ރެއަކު އެއްވެ، އެކޮމިޝަންގެ މެމްބަރުންގެ އަބުރަށް އަރައިގަންނަމުންދާތީ ކަމަށެވެ.
ޕީޕީއެމް އޮފީސް ދޮށަށް މަދުބަޔަކު އެއްވެ ކޮންމެ ރެއަކު ގެންދަނީ، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ރިޝްވަތު ނެގި ކަމަށް ބުނެ އަޑުގަދަ ކުރަމުންނެވެ. އަދި އެކޮމިޝަންގެ މެމްބަރުންނާމެދު ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.
މީގެއިތުރުން އީސީ އިން ބުނީ، ޕީޕީއެމް ގެ އިވެންޓުތައް ލައިވް ކުރާ ޓީވީތަކުން ވެސް އުސޫލުން ބޭރުން އަމަލު ކޮށްފައިވާތީ، އެފަދަ ފަރާތްތަކާމެދު ވެސް ފިޔަވަޅު އެޅުމަށް ނިންމާ ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.