މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވައި މައާފުދެއްވުމުގެ ދޮރު އެއްކޮށް ބަންދުކުރައްވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެމްއެމްޓީވީން ގެނެސްދިން "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާނު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރިއަށްދާއިރު، ކުރިން ގާނޫނީ އޮނިގަނޑު އޮތް ގޮތުން ތަންފީޒީ އިދާރާތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެގޮތުން ތަންފީޒީ އިދާރާތަކުން ބުރަ މަސައްކަތްތަކެއް ކޮށް، ގިނަ ވަގުތާއި ހަކަތަ އަދި ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި އެތަކެތި ރާއްޖެ އެތެރެކުރާ ފަރާތްތައް އަތުލައިގަނެ، ދައުވާ އުފުލައި ކުށް ސާބިތުވުމަށްފަހުވެސް ކުރިން ގާނޫނު އޮތް ގޮތުން އެފަދަ މީހުން ފަސޭހައިން މުޖުތަމައުއަށް މިނިވަންވަމުން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން ގާނޫނު އޮންނަ ގޮތުން އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަދަބު ލުއިކޮށްދެއްވައި މިނިވަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ސިޔާސީ އެކި ކަންކަމުގެ ތެރެއިން އެފަދަ މީހުން މިނިވަންކުރުމަށް އެދި ހުށަހެޅުންތައް އައުމުން، ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށް އެކަމަށް އިންކާރުކުރެއްވުމަކީ ދަތި ކަމަކަށް ވެފައި އޮތް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ގާނޫނަށް އިސްލާހު ގެނެސް، ރައީސުލްޖުމްހޫރިއްޔާއަށް އޮތް އެ ފުރުސަތު ބަންދުކުރެއްވުމަކީ ރައީސް ޑރ. މުއިއްޒު ނިންމެވި ހަރުދަނާ އަދި ވަރުގަދަ ނިންމެވުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި ބަދަލާއެކު، މަސްތުވާތަކެތީގެ ކުށް ސާބިތުވާ މީހުންނަށް މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރުގައި އޮންނަ ކަމަކަށް ނުވާތީ، އެފަދަ ކަންކަމުގައި އެދިގެން ރައީސްގެ އަރިހަށް މީހުން އައުން ހުއްޓުމަކަށް އަންނާނެ ކަމަށް އިހުސާނު ވިދާޅުވިއެވެ. އެހެންކަމުން މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށްވެސް ލިބިގެންދިޔަ ބޮޑު ހިމާޔަތަކާއި ރައްކާތެރިކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ސަރުކާރުގެ ވެރިކަން ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިން، އޭރު ވެރިކަމުގައި ހުންނެވި ރައީސް 400 އެއްހާ ކުށްވެރިން މިނިވަންކުރައްވާފައިވާކަންވެސް ހޯމް މިނިސްޓަރު އިހުސާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.