މެރިކަލްޗަރ ސިނާއަތް ފުޅާކުރުމަށް 13 ސަރަހައްދެއް ކަނޑައަޅައި، 102 މީހުން ތަމްރީނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މެރިކަލްޗަރ ސިނާއަތް ފުޅާކުރުމަށް 13 ސަރަހައްދެއް ކަނޑައަޅައި، 102 މީހުން ތަމްރީނުކޮށްފި

ރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިހާތަނަށް 13 ސަރަހައްދެއް ކަނޑައަޅައި، މި ދާއިރާއިން 102 މީހުން ތަމްރީނުކޮށްފިއެވެ.

ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދުކަމަށް ވާއިރު، މި ވަސީލަތްތަކުން އާންމު ރައްޔިތުންނަށް ލިބޭ މަންފާ އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދީ، މެރިކަލްޗަރއަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މި މަސައްކަތަށް ޚާއްޞަކޮށްގެން އެކި އަތޮޅުތަކުން ކަނޑައަޅާފައިވާ 13 ސަރަހައްދުގެ ތެރޭގައި ހިމެނެނީ މ. އަތޮޅުން 3 ސަރަހައްދަކާއި، ތ. އަތޮޅުން 2 ސަރަހައްދަކާއި، ފ. އަތޮޅުން 2 ސަރަހައްދެއްގެ އިތުރުން ދ. އަތޮޅުން 2 ސަރަހައްދަކާއި ގއ. އަތޮޅުން 1 ސަރަހައްދެކެވެ. މީގެ އިތުރުން، ބޮޑުތިލަދުންމަތީގެ ސަރަހައްދަކާއި ކ. މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ވަނީ މެރިކަލްޗަރ ތަރައްޤީކުރުމަށް ކަނޑައަޅާފައެވެ.

މި ސިނާއަތް ފުޅާކުރުމަށްޓަކައި ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް" ގެ ދަށުން މިހާތަނަށް 8 ކޯހެއް ވަނީ ހިންގާފައެވެ. މި ކޯސްތަކުން ޖުމްލަ 102 ފަރާތެއް ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

މި ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، ކުރިން އަހަރަކު 2 ޕްރޮގްރާމް ހިންގަމުން އައި އުސޫލު މިހާރު ވަނީ ބަދަލުކޮށްފައެވެ. އެގޮތުން މި އަހަރުން ފެށިގެން އަހަރަކު 4 ޕްރޮގްރާމް ހިންގުމަށް ނިންމާފައިވާއިރު، މި އަހަރަށް ކަނޑައެޅި 4 ޕްރޮގްރާމްވެސް މިހާރު ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

މިއަދު އޮންލައިން