ރައީސް ޔާމީނުގެ ސަރުކާރުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް ހައްޔަރުކުރުމުން ސަލާމަތް ކުރެވޭތޯ ނުކުމެވަޑައިގަތީ ސިޔާދަކީ ޤާސިމް އިބްރާހީމްގެ ދޮށީ ދަރިކަލުން ކަމަށްވެފައި ފިރިކަލުން، ތުއްޕުޅު 6 ބޭފުޅުންގެ ބައްޕާފުޅު ނެތް ޙާލަތެއްގައި ސިޔާދަކީ 6 ބޭފުޅުންގެ ބަލަދުވެރިޔާ ކަމަށްވާތީ ކަމަށް ޖޭޕީގެ ކައުންސިލް މެންބަރު، ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢާއިޝަތު ނަހުލާ (ޢައިޝާ) ވިދާޅުވެއްޖެއެވެ.
ޢައިޝާ މިރޭ ވިދާޅުވީ ސިޔާދަކީ ޢާއިލާގެ ހުރިހާ ބޭފުޅުންވެސް ވަރަށް ލޯބިވާ ދަރިކަލެއް ކަމަށެވެ. ސިޔާދު އެއްވެސް ކުށެއް ނުކުރައްވަނީސް ހައްޔަރު ކުރުމަކީ މުޅި އާއިލާއިންވެސް ވަރަށް ބޮޑަށް ކަންބޮޑުވި ކަމެއް ކަމަށެވެ. އެހެންކަމާއިއެކުވެސް ޢައިޝާއަށް ލިބިވަޑައިގެންފައިވާ 6 ބޭފުޅުންނަށް ސިޔާދުގެ މުހިންމުކަން ބޮޑު ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ޤާސިމް އިބްރާހީމްގެ އެހެން ހުރިހާ ބޭފުޅުން މިހާރު ބޮޑުފުޅުވެ ތަޢުލީމް ޙާޞިލުކުރައްވައި ނިމިވަޑައިގެނަފައިވުމާ ޢައިޝާއަށް ލިބިވަޑައިގެންފައިވާ 6 ބޭފުޅުންނަކީ 10 އަހަރުން ދަށުގެ ބޭފުޅުން ކަމެވެ.
"ޤާސިމް އިބްރާހީމް އަކީ ސިޔާސީ ކަންކަމުގަ އުޅުއްވާ ބޭފުޅެއް. ފާއިތުވި ކޮންމެ ސަރުކާރަކުންވެސް ޤާސިމް ބަންދުކުރި. ސިޔާސީ ކަންކަމުގައި އުޅުއްވާނަމަ އެކަންކަން ކުރިމަތިވާނެ. ނަމަވެސް ސިޔާދު ހައްޔަރުކުރުމަކީ މުޅިން ތަފާތު ގޮތަކަށް ހިންގި ވަރަށް އަނިޔާވެރި އަމަލެއް. ސިޔާދަކީ އަޅުގަނޑުގެ 6 ކުދިންގެ ދޮންބެ. މާދަމާވެސް އެކުދިންގެ ބައްޕައަށް ކަމެއް ދިމާވެއްޖެނަމަ ބަލަން ހުރި މީހާ އެއީ. އެއީ ޢާއިލާގެ އެންމެންވެސް އެންމެ ލޯބިވާ އަދި އެންމެ ދޮށީ ދަރިފުޅު. އެކުދިންގެ ބައްޕަ ގެންދިއައިމަ އެކުދިންނަށް ލޯބި ދޭންހުރި ދޮންބެ ގެންދިއައިމަ ފުރަތަމަ ނުކުންނަން ޖެހޭނެ މީހަކު އަޅުގަނޑުކަމަށް ޤަބޫލުކުރަނީ."
އަނިޔާވެރި ގޮތެއްގައި ޤާސިމް އިބްރާހީމް ހައްޔަރުކޮށް ޣައިރު ޙާޒިރުގައި ޙުކުމް އިއްވުމުން ޤާސިމް އިބްރާހީމްއަށް ރާއްޖެއިން ބޭރުގައި މަޑުކުރައްވަން ޖެހިވަޑައިގަތުމުން ތުއްޕުޅު ބޭފުޅުންނަށް ނަފްސާނީ ގޮތުން ލިބިވަޑައިގެންނެވި ގެއްލުންތައް ވެސް ޢައިޝާ ވަނީ ހިއްޞާ ކުރައްވައިފައެވެ.
ޢައިޝާ ވިދާޅުވީ ނަފްސާނީ ގެއްލުމެއް ލިބިދާނެތީ ގެކޮޅުގައި ސިޔާސީ ޚަބަރުތައް ޓީވީން ނުބައްލަވާތީ ކުދިންނަށް ސިޔާސީ ކަންކަމުގެ މައުލޫމާތު އެނގިވަޑައިނުގަންވާނެ ކަމަށެވެ. ނަމަވެސް ސްކޫލް މާހައުލުން މައުލޫމާތު ލިބެމުންދިއަ ކަމަށެވެ.
"އަޅުގަނޑުގެ 7 އަހަރުގެ ދަރިފުޅަށް ދަސްވެފަ އޮތީ ޕްރެޒިޑެންޓަކީ މީހުން ޕަނިޝްކުރާ، ޖަލަށްލާ މީހާ ކަމަށް. އޭނަ ކާން ބޭނުން ނުވާ ވަގުތު މާމަ ކާންދޭން އުޅޭތީ މާމަ ޕަނިޝްކުރާ މީހަކަށް ވާން އޭނަ ބޭނުންވަނީ ޕްރެޒިޑެންޓަކަށް ވާން.
10 އަހަރުގެ ދަރިފުޅު އެބަ ބުނޭ ދުވަހަކުވެސް ރަސްރަނި ބަގީޗާއަކަށް ދުވަހަކުވެސް ނުވަންނާނަމޭ. ތިއައީ ޔާމީން ހަދާފަ ހުރި ތަނެކޭ. ޔާމީނަކީ އަހަރެންގެ ބައްޕައަށް އަނިޔާ ކުރާ މިހާއޭ. އެކުގަ ދިއަ އެހެން ކުދިން ވާރޭ ހިޔާވާން ވަނީމާ ވެސް ނުވަދެ ވާރޭގަ މަޑުކޮށްގެން ހުރީ އެތަނަށް ނުވަންނަން. މިފަދަ ނިކަމެތި ޙާލު އެއްވެސް މީހެއްގެ ދަރިންނަށް ކުރިމަތިވާކަށް އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ނޭދެން." ޢައިޝާ ވަރަށް އަސަރާއިއެކު ވިދާޅުވިއެވެ.