ރާއްޖޭގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އުޅެންޖެހިފައިވާ ނިކަމެތި ކަމުގެ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު، ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢައިޝަތު ނަހުލާ ކީރިތި ކުރައްވައިފިއެވެ.
ޢައިޝާ މިރޭ ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ޤާސިމް އިބްރާހީމް ކުރައްވަމުން ގެންދެވި ބޮޑު ހޭދައާއި މެދު ކުރިން ވަރަށް ގިނަ ގޮތްގޮތުން ޚިޔާލު ކުރެއްވުނު ކަމަށެވެ. ނަމަވެސް މިފަހަރުގެ ކެންޕޭނުގައި ދޮރުން ދޮރަށް ވަޑައިގެންނެވިއިރު ފެނިވަޑައިގެންނެވި މަންޒަރުތަކުން ޤާސިމް އިބްރާހީމް ކުރެއްވެވި ހޭދަ ކުރެއްވެވި ސަބަބު ވިސްނި ވަޑައިގެންފި ކަމަށެވެ. އެކަމުގެ ބޭނުންތެރިކަމާއި މުހިންމުކަން ވިސްނިވަޑައިގެންފި ކަމަށެވެ.
"އެހީއަކަށް އެދި އަޅުގަނޑާ ބައްދަލުކުރި 10 އަހަރުގެ ކުއްޖެއް. އެކުއްޖާ ވިހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ މަންމަ ވަނީ ކެންސަރު ބަލީގަ ނިޔާވެފަ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ވަނީ ބައްޕަވެސް ނިޔާވެފަ. އެކުއްޖާ ގޮވައިގެން އަޅުގަނޑާއި ބައްދަލުކުރި ޢާއިލާގެ މީހާ ބުނީ ސަރުކާރުގެ އެހީތެރިކަމެއް ނުލިބޭ ކަމަށް. އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެފަދަ ކުއްޖަކަށް ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދެވޭނޭ. ސަރުކާރަށްވެސް އެހީތެރި ވެވޭނޭ."
ޢައިޝާ ވިދާޅުވީ ޤާސިމް އިބްރާހީމް ކުރައްވަންފެށްޓެވި ޚިދުމަތްތަކުގެ ސަބަބުން މިއަދު މިވަނީ މަދަނަ އާއި އާސަންދަ ތަޢާރްފް ކުރެވިފައި ކަމަށެވެ. އެކަމުގެ ފައިދާވެސް ދަނީ ރައްޔިތުންނަށް ލިބެމުން ކަމަށެވެ. އޮތީ ޚިދުމަތްތައް ފުޅައުކޮށް އިތުރަށް ފުރިހަމަ ކުރުން ކަމަށެވެ.
ފުރުޞަތު ލިބިވަޑައިގެންފިނަމަ ފައުންޑޭޝަނެއް އުފައްދަވައިގެން ޚިދުމަތް ކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ކަމަށްވެސް ޢައިޝާ ވެސް ވިދާޅުވިއެވެ.
ޢައިޝާގެ ވާހަކަފުޅު (އޯޑިއޯ):