އޭޑީކޭ ހޮސްޕިޓަލުން އައްޑޫސިޓީގައި ހިލޭ ޚިދުމަތްދޭ މެޑިކަލް ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިމަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ މިކޭމްޕުގައި އޭޑީކޭ ހޮސްޕިޓަލުގައި ޚިދުމަތްކުރާ 3 ސްޕެޝަލިސްޓުން ޚިދުމަތް ދޭނެ ކަމަށެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ މިއީ ހިލޭ ޓެސްޓްތައް ހަދައިދޭ ގޮތަށް ކުރިއަށް ގެންދާ މެޑިކަލް ކޭމްޕެއް ކަމަށާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ފަރުވާ މި ކޭމްޕްގައި ފަރުވާދޭނެ ކަމަށެވެ.
"މިފަދަ ކޭމްޕެއް ކުރިއަށް މިގެންދަނީ ގިނަ ބައަކަށް ފަސޭހަކަމާއިއެކު ޚިދުމަތް ދިނުމުގެ ބޭނުމުގަ. ފުއްޕާމެއާ ހިތުގެ ބަލި ހުރި މީހުންނަށް ޚާއްޞަކޮށްގެން މި ކޭންޕް ކުރިއަށް މިގެންދަނީ. މިކޭންޕުގެ ސަބަބުން ސަރަހައްދުގައި ތިބި ބަލި މީހުންނަށް ފަސޭހަކަމާއިއެކު ޑޮކްޓަރަށް ދައްކައިލެވޭނެ. މިހާރު އޭޑީކޭ އިން ފަރުވާ ހޯދާ މީހުންނަށްވެސް މާލެ ނައިސް ޑޮކްޓަރަށް ދައްކައިލުމުގެ ފުރުޞަތު ފަހިވެގެންދާނެ."
އަފްޢާލް ވިދާޅުވީ މިއީ ސަރުކާރުގެ ހޮސްޕިޓަލަކާއި ގުޅިގެން ކުރިއަށް ގެންދާ ކޭނަޕަކަށްވާތީ އެ ހޮސްޕިޓަލުގައި ލިބެން ހުރި ވަސީލަތްތައް ބޭނުން ކުރެވޭނެ ކަމަށާއި އެކޯ ހަދަންޖެހޭ މީހުންނަށް އެ ޚިދުމަތް ދިނުން ފަދަ ކަންކަން އޭޑީކޭ އިން ކޮށްދޭނީ ހިލޭ ކަމަށެވެ. މީގެ އިތުރުން މާލެ އައިސް ފަރުވާ ހޯދަން ޖެހޭ މީހުންނަށް އެޕޮއިންޓްމަންޓް ހަދައިދިނުން ފަދަ ޚިދުމަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
އަފްޢާލް ވިދާޅުވީ މެޑިކަލް ކޭމްޕުން ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް މިއަދުން ފެށިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގުޅައިގެން ނަން ނޯޓް ކުރެވޭނެ ކަމަށެވެ. އަދި ބޭނުންވަނީ ވިހައި ގިނަ ބައަކަށް ޚިދުމަތް ދޭން ކަމަށެވެ.
އަފްޢާލް ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް މިފަދަ ހިލޭ ޚިދުމަތްދޭ މެޑިކަލް ކޭމްޕްތައް ކުރިއަށް ގެންދާނެ ކަމަށެވެ. "އަޅުގަނޑުމެން މިހާރު މިވަނީ ވަރަށް ގިނަ ޚިދުމަތްތައް އިތުރަށް ތަޢާރަފްކޮށްފަ. ސްޕެޝަލިސްޓުންގެ ޚިދުމަތް ދެމުން މިގެންދަނީ. މި ޚިދުމަތްތައް އިތުރަށް ތަޢާރަފްކޮށް ރައްޔިތުންގެ އިތުބާރު ހޯދުމަކީ އަޅުގަނޑުމެންގެ އެއް މަޤްޞަދު" ކަމަށްވެސް ޢަފްޢާލް ވިދާޅުވިއެވެ.
ADK comes to South, free medical camp at Addu city for all who have known heart diseases, chest diseases and who needs a cardiac consultation at Hithadhoo Regional Hospital on Oct 13th and 14th, 2018. pic.twitter.com/ZU5RMsVDb5
— ADK Hospital (@ADKHospital) October 7, 2018