މޭޑޭގެ މުޒާހަރާ އާއި ގުޅުވައިގެން ޖަލަށް ލީ ރައީސް ޔާމީނު "ބޭނުންވާހައި ވަރަކަށް ވައްކަންކޮށް ޚިޔާނާތްތެރިވާން" ހުރަހަކަށް ވެވަޑައިގަތުމުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ވިދާޅުވިއެވެ.
ޝައިޚް އިމްރާން ވިދާޅުވީ އެދުވަހާއި ގުޅުވައިގެން އެއްގޮތަކުން ނުކުރެވުނު ނަމަ އެކަން ކުރާނެ އިތުރު ގޮތްތައް ވެސް ހުރީ ރާވާފައި ކަމާއި ކޮންމެ ގޮތަކުން ނަމަވެސް "އަޅުގަނޑު ޖަލަށް ލާން ޖެހޭ ކަމަށް ރައީސް ޔާމީނު އޮތީ ކުރިއާލައި ނިންމަވާފައިކަން" އެނގިވަޑައިގަތީ ޖަލުގައި އޮންނެވި ދުވަސްވަރު ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބުގެ އަރިހުން ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ރައީސް ޔާމީނަށް އެމަނިކުފާނުގެ މިޝަން ކާމިޔާބު ކުރެއްވި ޝައިޚް އިމްރާން ޖަލުގައި ބަންދުކުރެއްވެވުނު ކަމަށާއި ނަމަވެސް އަނިޔާވެރިކަމަށް އަބަދުވެސް ނިމުން އަންނާނެ ކަމަށެވެ. އެގޮތުން މިއަދު އެމަނިކުފާނަކީ މިނިވަނެއް ކަމަށާއި އަދި މިނިވަންކަމާއިއެކު ގެންދަވަނީ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ކަމަށެވެ.
"މިއަދު ރައީސް ޔާމީނަށް އެވަނީ މަޤާމް ގެއްލިވަޑައިގެންފަ. ގެއަށް ވަޑައިގަންނަވަން ޖެހިފަ." ޝައިޚް އިމްރާން ވިދާޅުވީ ޖަލުގައި އޮންނެވިއިރު ވެސް އެމަނިކުފާނަކީ ޓެރަރިސްޓެއް ކަމަށް ރައްޔިތުން ޤަބޫލު ނުކުރާ ކަމަށާއި މިނިވަންކަން ލިބިވަޑައިގެންނެވިއިރު ރައްޔަތުންނަށް ވަނީ އެމަނިކުފާނު ބަންދުކުރީ އެއްވެސް ކުށެއް ކުރައްވައިގެން ނޫންކަން އިތުރަށް ކަށަވަރު ކުރެވިފައި ކަމަށެވެ.