ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިގައި ޤާނޫނުތައް ޤާނޫނު އަށާސީގައި ބަޔާންވެގެންވާ ގޮތަށް ތަފީޒު ކުރެއްވުމުގެ ހިއްވަރުފުޅު ހުންނަން ޖެހޭނެއެވެ. އެކަމަށް ރައްޔިތުންގެ އެހީތެރިކަންވެސް އަރުވަން ޖެހޭނެއެވެ.
އެއްބާރުލުން ވެސް ދޭން ޖެހޭނެއެވެ. މައްސަލައަކަށްވަނީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ބޭނުންފުޅުވާހައި ގޮތަކަށް ޤާނޫނު އަސާސީ ބަދަލުކުރުވުމެވެ. މަޖިލިސް މެންބަރުންގެ މައްޗަށް ބާރާއި މުފޫޒު ފޯރުވައިގެން ޤާނޫނުތައް ބަދަލުކުރުވައި، އެގޮތަށް ކަންކަން ކުރަން އުޅުމަކީ ހިތްވަރު ހުރުމެއް ނޫނެވެ.
އެއީ ފިނޑިކަމެވެ. ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތަށް ކަންކަން ކުރަން ނުކެރި އެކަންކަން، ޚާއްޞަކޮށް ރައްޔިތުންގެ ޙައްޤުތަކާއި ބެހޭ ކަންކަން ބަދަލު ކުރުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. މާލިއްޔަތުގެ ޤާނޫނު ތިމާގެ އަމިއްލަ ބާރުގެ ދަށަށް ގެނެސް ތިމާ ބޭނުންވާހައި ގޮތަކަށް ދައުލަތުގެ ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަކީ އަދި މާނުބައިކަން ބޮޑު ކަމެކެވެ. އެންމެ ބޮޑު ޖަރީމާއެވެ. ޤައުމުގެ ވެރިކަން ޙަވާލުކުރަނީ ހެޔޮ ވެރިކަމެއް ކުރުމަށެވެ. ޤާނޫނު އަސާސީ ޢާއި އެއްގޮތަށް ވެރިކަން ކުރުމަށެވެ. ޤާނޫނު އަސާސީ އަށް ބަދަލެއް ގެންނަނަމަ އެ ބަދަލު ވާންޖެހޭނީ ރައްޔިތުންނާއި ޤައުމުގެ ޙައްޤުގައި، ރައްޔިތުންނަށާއި ޤައުމަށްޓަކައި ގެނެވޭ ފައިދާހުރި ބަދަލަކަށެވެ.
ރައްޔިތުންނާއި މަޝްވަރާކޮށް ޚިޔާލު ހޯދައިގެން ރައްޔިތުން އެދޭ ގޮތަށް ގެނެވޭ ބަދަލަކަށެވެ. އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފަށްޓަވާފައިވާ "ޖަޒީރާ ހޮޅުއަށި" ސިލްސިލާ އަކީ މި މިސްރާބަށް ކުރިއަށް ގެންދަވާ މަސައްކަތްޕުޅުތަކެއް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.