ރައީސް ޔާމީނުގެ ސަރުކާރުން މަސައްކަތްކުރީ އެމަނިކުފާނަށާއި އެމަނިކުފާނުގެ ސަރުކާރަށް ފާޑުކިޔާ މީޑިއާތައް ހުޓުވާލަން ކަމަށާއި އެކަން ނުކުރެވުނީ ނޫސްވެރިން ޖަލަށްދާން ބިރު ނުގަތުމުން ކަމަށް ފެރިދޫ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު ޙުސައިން މުޙައްމަދު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ފާސްކުރި އަބުރު ރައްކައުތެރިކުރުމުގެ ޤާނޫނަށް ކިޔަނީ ވަރަށް ރީތި ނަމެއް ކަމަށެވެ. "ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމާއި އަބުރު ރައްކައުތެރިކުރުން.
މިއީ ވަރަށް ރީތި ނަމެއް. ނަމަށް ބަލައިފިނަމަ ހީވަނީ ކޮންމެހެން ފާސްކުރަންޖެހޭ ޤާނޫނެއް ކަމަށް." ޙުސައިން މުޙައްމަދު ވިދާޅުވީ ނަން މިގޮތަށް އޮތް ނަމަވެސް ބޭނުމާއި ނިޔަތް އޮތީ މުޅިން އިދިކޮޅަށް ކަމަށެވެ.
އަމާޒާއި ޙާޞިލުކުރަން ބޭނުންވި މަޤްޞަދު ވެސް އޮތީ ދިމާ އިދިކޮޅަށް ކަމަށެވެ. މަޤްޞަދަކީ ޚިޔާލުފައުޅުކުރުމުގެ މިނިވަންކަން ނައްތައިލުން ކަމަށެވެ. މިނިވަން ނޫސްވެރިކަން އިނދަޖައްސައިލުން ކަމަށެވެ. ޙަޤީޤަތަކީ މިއީ ކަމަށެވެ.