ﷲ ތަޢާލާ ގަދަ އަމުރުފުޅުން އަމުރުފުޅު ކުރައްވަވާފައިވަނީ ތަޤްވާވެރިކަންމަތީގައި ނޫނީ މަރު ނުވުމަށެވެ. މި ހެން ބުނުމުން ތިމާ މަރުވާނީ ކޮން ޙާލަތެއްގައިކަން އެނގޭނީ ކޮންގޮތަކުންތޯ ބައެއް މީހުން ސުވާލުކުރެއެވެ.
އެފަދަ މީހުން ވިސްނަންވީ މިގޮތަށެވެ! ފާހިޝް އަމަލެއް ނުކުރާނަމަ އެފަދަ ކަމެއް ކުރަނިކޮށް އެމީހަކު މަރެއް ނުވާނެއެވެ. ވައްކަން ނުކުރާނަމަ އެފަދަ ކަމެއް ކުރަނިކޮށް އެމީހަކު މަރެއް ނުވާނެއެވެ. ބަނގުރާ ނުބޯނަމަ އެފަދަ ކަމެއް ކުރަނިކޮށް އެމީހަކު މަރެއް ނުވާނެއެވެ. ހަމައެފަދައިން އެމީހަކީ އަބަދުވެސް ހެޔޮ ޢަމަލުކުރާ މީހަކު ކަމުގައި ވެއްޖެ ނަމަ މަރުވާނީ ހެޔޮ ޢަމަލުކުރުންމަތީގައެވެ.
ވީމާ ﷲ ތަޢާލާއަށް ކިޔަމަންތެރިއެއްގެ ގޮތުގައި މަރުވެވޭނެގޮތް އޮތީ ފެންނާށެވެ! އެގޮތް ދޫނުކުރާށެވެ! ﷲ ތައާލާއަށް ކިޔަމަންތެރިއެއްގެ ގޮތުގައި އަބަދުވެސް ސާބިތުވާށެވެ! އެއިރުން މަރު ގެންދަވާނީ ކިޔަމަންތެރިއެއްގެ ގޮތުގައެވެ.
ބައެއް މީހުން އުފާކޮށް މަޖާކޮށް ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަން ދާން އުޅެން ފެށުމުން އެކަން ނުކުރުމަށް ނަޞޭޙަތްތެރިވެ އެމީހާ އަކީވެސް މަރުވާނެ މީހަކު ކަމަށް ވިސްނައިދޭން މަސައްކަތްކުރުމުން ތިމާއަކީ އަދި ހަމަ ޒުވާނެއް ކަމަށާއި މޮޔަ ވާހަކަ ނުދައްކަން ބުނާ މީހުން ވެސް އުޅެއެވެ.
އެމީހުންނަށް ނުއެނގޭ ކަމަކީ އުފާކޮށް މަޖާކުރަމުން ދަނިކޮށް މަލަކުލްމައުތު ވަދައިގެން އެމީހެއްގެ ފުރާނަ ހިއްޕަވަނީ ކިތައް ޒުވާނުންގެ ކަމެވެ. ކޮންމެ އަހަރަކު އެ ހާލަތުގައި ކިތައް ހާސް ޒުވާނުންގެ މަރު ހިއްޕަވާ ކަމެވެ. ހަމައެކަނި މިދިއަ 2019 ވަނަ އަހަރުގައި ދުނިޔޭގެ އެންމެ މުސަނދި، އެންމެ ބާރުގަދަ ވެރިންގެ 3،4 ދަރިންވެސް ވަނީ މަރުވެފައެވެ. އެމީހުން ދުނިޔެ ދޫކުރި ޙާލަތުގެ ވާހަކަ ދައްކާކަށް ނެތީމެވެ.
--މުފްތީ މެންކުގެ ދަރުސަކުން