މީހަކު ކިތަންމެ އަގުބޮޑު ހަދިޔާއެއް ދިންނަމަވެސް ﷲ އަށް ޙަމްދުނުކޮށް އެމީހަކަށް ޝުކުރުވެރިވުމަކީ ނިޢްމަތްތަކުން މަޙްރޫމްވެދާނެ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
މީހަކު ކިތަންމެ އަގުބޮޑު ހަދިޔާއެއް ދިންނަމަވެސް ﷲ އަށް ޙަމްދުނުކޮށް އެމީހަކަށް ޝުކުރުވެރިވުމަކީ ނިޢްމަތްތަކުން މަޙްރޫމްވެދާނެ ކަމެކެވެ!

ﷲ ތަޢާލާގެ ވަހީބަސްފުޅުގައި އޮތީ މިފަދައިންނެވެ.

"އަދި، ﷲ ގެ އިޛްނަފުޅާލައިގެންމެނުވީ، މަރުވުމަކީ، އެއްވެސް ނަފްސަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ. އަދި، ދުނިޔޭގެ ޘަވާބް އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރު ކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، އާޚިރަތުގެ ޘަވާބް އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، ޝުކުރު ކުރާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ." (އާލްޢިމްރާން: 145)

ﷲ ތިބާއަށް ބަންދުކުރައްވަވައިފި ދޮރެއް ހުޅުވައިދެވޭނެ މީހަކު ނުހުންނާނެއެވެ! ހަމައެފަދައިން ﷲ ހުޅުއްވަވައިދެއްވަވައިފި ދޮރެއް ބަންދުކުރެވޭނެ މީހަކުވެސް ނުހުންނާނެއެވެ! ހުރިހާ ބާރުތަކެއް މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ!

ވީމާ ތިބާއަށް އެއްވެސް ކަމެއްގައި ދޮރު ބަންދުވެފައިވާނަމަ، ކުރިއަށް ނުދެވޭނަމަ ﷲ ތަޢާލާއަށް ކުއްތަންވުން އިތުރުކުރަން މަސައްކަތްކުރާށެވެ! ބަންދުވެފައިވާ ދޮރު ހުޅުއްވަވައި ދެއްވެވުން އެދި ﷲ ތަޢާލާ އަށް ދުޢާކުރުން ގިނަކުރާށެވެ!

ތިބާއަށް ޙާޞިލު ނުކުރެވި އޮތް ކަމެއް މީހަކު މެދުވެރިކޮށްގެންވެސް ޙާޞިލުކުރެވޭނީ އެކަމެއް ތިބާއަށް ޙާޞިލުވުމަށް ﷲ މިންވަރުކުރެއްވެވުމުންނެވެ. ވީމާ ފުރަތަމަ ކަމަކަށް ޝުކުރުވާން ޖެހޭނީ ﷲ ތަޢާލާއަށެވެ. މެދުވެރިވި މީހާއަށް ޝުކުރުވެރިވުން ގެންނަން ޖެހޭނީ އެއިގެ ފަހަތުންނެވެ.

ނަމަވެސް މިހާރަކަށް އައިސް ގިނަ މީހުންނަށް ޢަމަލުކުރެވެނީ އެގޮތަކަށް ނޫނެވެ. ތިމާ އެދޭ ކަމެއް ޙާޞިލު ވުމުން ފުރަތަމަވެސް ޝުކުރު އަދާކުރެވެނީ މެދުވެރިވި މީހާއަށެވެ. ޤަބޫލުކުރެވިފައި އޮންނަނީ އެކަން ޙާޞިލުވީ އެމީހާ ކޮށްދިނުމުން ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ޙަޤީޤަތަކީ ތިބާއަށް އެކަމެއް ކޮށްދިނުމުގެ ވިސްނުން ﷲ އޭނާއަށް ނުދެއްވަވާނަމަ، އޭނާ މެދުވެރި ކުރައްވަވައި ތިބާއަށް އެކަން ވުމަށް މިންވަރު ނުކުރައްވަވާނަމަ އެކަން ޙާޞިލެއް ނުވާނެއެވެ.

ޝުކުރުވެރިވާން އޮތް ތަރުތީބު އޮޅުވައިނުލާށެވެ! އެއީ ތިބާ ނިޢްމަތްތަކުން މަޙްރޫމްވާ ސަބަބަކަށްވެސް ވެދާނެއެވެ. އަދި އިތުރު ތަކްލީފްތައް އުފުލަން ޖެހޭ ސަބަބަކަށްވެސް ވެދާނެއެވެ! "ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެ" ކަމަށް އޮތް ވަޙީ ބަސްފުޅު އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން