ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ހުރިހާ އުންމީދުތަކެއް ބިލާހަކަށްވެގެންދިއުމަށް މެދުވެރިވާ ބައެއް ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ހުރިހާ އުންމީދުތަކެއް ބިލާހަކަށްވެގެންދިއުމަށް މެދުވެރިވާ ބައެއް ސަބަބުތައް-

ކައިވެނިކުރާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ އުންމީދުތަކެއް ފެނަށް ގޮސް ގިރިގެންދަނީ ހަމަ ހުރެފައެއް ނޫނެވެ. ވަރަށް ގިނަ ސަބަބުތަކެއް ކުރިމަތިވާތީއެވެ!

ވިސްނާލަމާ ހެއްޔެވެ؟ ކޮންމެ ދެމީހަކުވެސް ކައިވެނިކުރަނީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. އުފާވެރި ދިރިއުޅުމެއް އުޅުމުގެ އުންމީދުގައެވެ. މަރުވުމުން ނޫނީ ދެމީހުން ވަކިނުވާނެ ކަމުގެ އުންމީދުގައެވެ. އަދި އެކުގައި ސުވަރުގެ ދިއުމުގެވެސް އުންމީދުގައެވެ. އެހެންކަމަށްވާއިރު ކަންކަން މެދުވެރިވަމުން މިދާ ގޮތާއިމެދު ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟

މިފަދަ ގޮތްތައް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އެންމެ ގިނައިން މެދުވެރިވާ އެއް ސަބަބަކީ މީހުން ފެނުމުން އެމީހާގެ ސިފައަށް ބަލައި ލޯބިވެވޭކަމެވެ. ސިފަ ރީތިވުމުން ލޯބިވެވޭކަމެވެ. އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ބޭރުފުށުގެ ސިފައަކީ އެއްވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމީ އެތެރޭގެ ސިފައެވެ. ރިވެތި އަޚްލާޤެވެ. ތަޤްވާވެރިކަމެވެ.

ދެވަނަ ސަބަބަކީ ދެމީހުން ލޯބިވެގެން އުޅޭއިރު އަނެކާ ޅޮސްއުނދޯއްޔަށް އަރުވާ ކަމެވެ. ތިމާގެ ކިބައިގައި ނެތް ސިފަތައް ހުރިކަމަށް ދައްކާކަމެވެ. އަޅައިލުމާއި އޯގާތެރިކަންދޭނެކަމަށް ވައުދުވާ މިންވަރާއި ގާތަކަށްވެސް އެކަންކަން ނުކުރެވޭ ކަމެވެ.

މިފަދަ ކަންކަމުގެ ނަތީޖާއަކަށްވަނީ ކައިވެންޏަށްފަހު ޙަޤީޤަތަކަށްވެގެންދާނެ ކަމަށް ޔަޤީންކޮށްގެން ދެކެމުން އައި ހުވަފެންތައް ބޮޑު މުޞީބާތަކަށް ބަދަލުވެގެންދިއުމެވެ. އެކަންކަމަށް ވިސްނަމުން ގޮސް އުންމީދުކުރުން ވެސް ކޮޅޫންލައި ދިއުމެވެ.

މިދެއްކުނީ ހައްތާވެސް މެދުވެރިވާ މައްސަލަތަކާއި މައްސަލަތައް މެދުވެރިވާ ބައެއް ސަބަބުތަކުގެ ވާހައެވެ. ދެން ބަލައިލަންވީ ޙައްލުކުރެވޭނެ މަގަކީ ކޮބައިތޯއެވެ.

ފުރަތަމަ ކަމަކަށް ކައިވެންޏަށްފަހު ދެމީހުންނަކީ އެކެއް ކަމުގައި ޤަބޫލުކުރާށެވެ! ކިތަންމެ ކުޑަ ކަމެއް ނަމަވެސް ސިއްރުނުކުރާށެވެ! ކޮންމެ ކަމެއްގައިވެސް ދެމީހުންގެ ބައިވެރިވުން ބާއްވާށެވެ! ޢަމަލީ ގޮތުން އެކަންކުރަނީ ފިރިމީހާ ނުވަތަ އަނބިމީހާ ނަމަވެސް އެކަމުގައި އަނެކާގެ ޚިޔާލާއި ރުހޭގޮތް ހިމަނައިގެން ނޫނީ ހަމައެއްވެސް ކަމެއް ނުކުރާށެވެ!

ދެވަނަ ކަމަކަށް ދެމަފިރިން އެކުގައި ވަގުތު ހޭދަކުރުމަކީ ކޮންމެހެން އަދާކުރަންޖެހޭ ވަޒީފާއެއް ކަމަށް ދެކޭށެވެ! އެ ވަޒީފާގައި ގަޑި ނުޖެހޭށެވެ! އޮފީހަށް ކުރިން ސަލާމް ފޮނުވާ އުޞޫލުން ގެއަށް އަންނަންޖެހޭ ނުވަތަ ޢާންމުކޮށް އަންނަ ވަގުތައްވުރެ ލަސްވާންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަން ކުރިއާލައި އަންގަންވާނެއެވެ.

ތިންވަނަކަމަކަށް ގެއަށް އާދެވޭއިރު ވަރުބަލިވެފައި ހުރުމަކީ ދެމަފިރިންގެ މެދުގައި ބާއްވަންޖެހޭ ގުޅުންތައް ނުބާއްވައި ބިއްދޮށަށް އެނބުރި ނިދާ ސަބަބަކަށް ނުހަދާށެވެ! އަދި ބޭރުން ކެއުން މަދުކޮށް ދެމަފިރިން އެކުގައި ކެއުން ގިނަކުރާށެވެ!

ހަތަރުވަނަކަމަކީ އެކަކަށް ކަމެއް މެދުވެރިވެއްޖެނަމަ އެކަމުގެ އެއްކޮޅުގައި ހިފައިގެން ތިމާހުރިކަން ޢަމަލުން ސާބިތުކޮށްދޭށެވެ! އެންމެ ކުޑަމިނުން ތަނަކަށް ތަދުވާތީ ބާމުކޮޅެއް އުނގުޅައިލަން ޖެހުނު ނަމަވެސް އެކަންކޮށްދޭންވާނީ އަނެކާއެވެ.

މިފަދަ ވަރަށް ގިނަ ކަންކަމުގެ ވާހަކަ ދެއްކިދާނެއެވެ. މިކިޔައިދިން ކަންކަމުގައި ދީނީ ގޮތުން އެކުގައި ކުރަން ހުރި ކަންކަން ނުހިމަނަމެވެ. އެކަންކަމުގެ ވާހަކަ އެހެން ދަރުސެއްގައި ހާމަކުރާނަމެވެ. އިން ޝާ ﷲ.

މިބަޔާންކުރި މިންވަރަށް ޢަމަލުކުރިނަމަވެސް ބައިވެރިޔާ މާޔޫސްވެ ފުލުގޮށް ޖެހިގެން ނުދާނެއެވެ. ކެތްތެރިވެ އެކުގައި އުފަލުގައި ދިރިއުޅެން މަސައްކަތްކުރާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން