މިހާރަކަށް އައިސް ފަރުދާވެގެން އުޅުން މިވަނީ ނެތިގެން ގޮސްފައެވެ. ގެއަށް މެހްމާނަކު އަތުވެއްޖެނަމަ އެންމެން ތިބެނީ ހާމައަށް ފެންނާށެވެ. ހަމައެއާއިއެކު ގޭގައި ގެންގުޅޭ ނީކަރުންނާއި ޅިޔަނުންނާއިމެދު ދެކެވޭ ގޮތް ބަދަލުވުމުގެ ސަބަބުން ބޮޑެތި ނުރައްކަލާއި ކުރިމަތިލާންޖެހެނީވެސް މަދަކުން ނޫނެވެ. އެހެންކަމުން ތަންކޮޅެއް ބޮޑަށް ވިސްނާލަން އެބަޖެހެއެވެ.
މިހާރަކަށް އައިސް ގޭގައި ގެންގުޅޭ ނޯކަރު ފިރިހެނުންނާއި ގޭގައި ކުއްޔަށް ގެންގުޅޭ ފިރިހެނުންނާއި ގޭގައި އުޅޭ ޅިޔަނުން ފަދަ ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަޢުރަ ނިވާނުކޮށް އުޅެމުން އެބަގެންދެއެވެ.
އެއްގޭގައި އުޅުމަކީ ޢާއިލީ ހައިޞިއްޔަތަށް އެއްވެސް ބަދަލެއް އަންނަކަމެއް ނޫނެވެ. ކައިވެނި ޙަރާމްވެ ހުއްދަވުމުގައި އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ވީމާ އެއް ގެއެއްގައި އުޅުނު ނަމަވެސް ގެއަށް ޒިޔާރަތްކުރާ ކިތަންމެ ގާތް އެކުވެރިން ނަމަވެސް ހިލޭ ފިރިހެނުންވާނީ ހަމަ ހިލޭ ފިރިހެނުންނަށެވެ. އެމީހުންގެ ކުރިމަތީގައި އަޢުރަ ނިވާނުކުރާނަމަ ފާފަވެރިވާނެއެވެ.
ދިވެހިބަހުން ބުރުގާ އެޅުން މިކިޔަނީ އަންހެނުންގެ ހަށިގަނޑުން ހިލޭ ފިރިހެނުންނަށް ނުދައްކައި ފޮރުވަންޖެހޭބައި ނިވާކޮށް ފޮރުވުމަށެވެ. އެބައަކީ އަންހެނާގެ އަޢުރަ ކަމުގައިވާތީ އަޢުރަ ނިވާކުރުމަށެވެ.
ވީމާ ގޭގައި މަސައްކަތްކުރާ ނޯކަރު ނުވަތަ ބުނެވިދިއަ މީހަކީ މަޙްރަމަކަށް (ތިމާ ކައިވެނި ޙަލާލުނުވާ މީހަކަށް) ނުވާނަމަ، އެއްވެސް ޙާލެއްގައި އޭނާގެ ކުރިމަތީގައި ބުރުގާނާޅައި އުޅުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. އަދި އެކަމުގެ ސަބަބުން ތިމާ ފާފަވެރިވާނެއެވެ. والله أعلم