ބުނަން ހެއްޔެވެ؟ މިބުނަނީ ތޯތޯ ވާހަކައެއް ނޫނެވެ! ހަމަ ޔަޤީން މުޖައްރިބް ވާހަކައެވެ.
މަންމަ އާއި ބައްޕައާއި ދެމީހުންގެ މެދުގައި ލޯބި ފުރިހަމަ ގޮތުގައި ދެމިއޮވެ އެ ދެމަފިރިން ހިނިތުންވެގެން އެކުގައި ތިބެ ދަރިންނަށް ދޭ ލޯތްބަށްވުރެ އަގުބޮޑު ހަދިޔާއެއް ދުވަހަކުވެސް ދަރިންނަކަށް ނުދެވޭނެއެވެ.
ގިނަ ދެމަފިރިން ވަޒީފާ އަދާކުރަނީ ކޮންމެހެން އެކަން ކުރަން ބޭނުންވެގެނެއް ނޫނެވެ. ޚާއްޞަކޮށް ދަރިން ލިބުމަށްފަހުގައެވެ. ދެމަފިރިންވެސް ވަޒީފާ އަދާކޮށްގެން ނޫނީ ދިރިއުޅުމުގެ ޚަރަދުތައް ކުރެވޭނެ ގޮތެއް ނެތުމުންނެވެ. ދިރިއުޅޭ ތަނުގެ ކުލި ބޮޑުވުމާއި ފެނާއި ކަރަންޓާއި ދަރިންނަށް ތައުލީމު ދިނުމަށާއި މިހެން ގޮސް ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައް ކުރާނެ ފައިސާ ހޯދޭނެ އެނޫން ގޮތެއް ނެތުމުންނެވެ.
މިހެން ބުނި ނަމަވެސް ފުދުންތެރިކަން ހުރެމެ ގޭގައި ނުތިބެގެންވެގެން ވަޒީފާއަދާކުރާ ބައަކުވެސް އުޅޭނެއެވެ. ތިއްތި ދެއްކެން ގެއިން ބޭރުގަ އުޅެލާނެ ފުރުޞަތަށް ބޭނުންވާތީ ވަޒީފާއަށް ނުކުންނަ ބައަކުވެސް އުޅޭނެއެވެ. ނަމަވެސް އަހަރެން ޤަބޫލުކުރާނީ އެއީ ވަރަށް މަދު އަދަދެއްގެ ބައަކު ކަމަށެވެ.
ބުނެލަން ބޭނުންވަނީ ދެމަފިރިން ވަޒީފާއަދާކުރިނަމަވެސް އަދި ފިރިމީހާ އެކަނި ވަޒީފާއަދާކުރި ނަމަވެސް ވީވަރަކުން ދެމަފިރިން އެކުގައި ޚާއްޞަކޮށް ދަރިންނާއިއެކުގައި ދެމަފިރިން ވަގުތު ހޭދަކުރަން އެބަ ޖެހެއެވެ. ފަށަމުން ބުނި ޢިބާރާތް އަދިވެސް ހަމަ ތަކުރާރުކޮށްލާނަމެވެ. "މަންމަ އާއި ބައްޕައާއި ދެމީހުންގެ މެދުގައި ލޯބި ފުރިހަމަ ގޮތުގައި ދެމިއޮވެ އެ ދެމަފިރިން ހިނިތުންވެގެން އެކުގައި ތިބެ ދަރިންނަށް ދޭ ލޯތްބަށްވުރެ އަގުބޮޑު ހަދިޔާއެއް ދުވަހަކުވެސް ދަރިންނަކަށް ނުދެވޭނެއެވެ."
މިހައި ވަރަށް މިހެން މިބުނާ ސަބަބުވެސް ހާމަކޮށްލާނަމެވެ. ދެމަފިރިންގެ އެކުގައި ދަރިންނަށް ލޯބިނުދީ، ތަނަވަސްކަން ހުރީތީ ގެފުރެންދެން އަގުބޮޑު ކުޅޭތަކެތި ހޯދައިދީގެން ގެންގުޅޭ ގިނަ ކުދިންނަށްވުރެ ކިޔަމަންތެރިވެފަ، އަޚްލާޤް ރަނގަޅުވެފައި ބަސްއަހާނީ އަދި ކިޔަވާނީވެސް ކުރިން މިބުނި ފަދައިން ދެމަފިރިންގެ މެދުގައި ލޯބިއޮވެ، ދެމަފިރިންވެސް ހިނިތުންވުމާއިއެކު ދަރިންނަށް ލޯބިދީގެން ބޮޑުކުރާ ކުދިންނެވެ. އެއިގެ ތެރޭގައި ގިނަވާނީވެސް ފަޤީރުންނެވެ.
މިހެން ބުނީތީވެސް އެމީހަކު ދަންނަ އެކުވެރިންގެ މެދުގައި މިކަން އޮތްގޮތެއް ނިކަން އަމިއްލައަށް ބަލައިލަބަލާށެވެ! މިނޫންގޮތަކަށް އޮތްނަމަ އެކަންވެސް ނިކަން ޙިއްޞާކޮށްލައިބަލާށެވެ! މިއީ ހަަމ ކޮންމެ ދެމަފިރިއަކުވެސް މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަންކަމެވެ.
--އަލަފް