ނިމެމުން މިދާ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައްވަން ނިންމައިފިއެވެ.
ޑރ. މުއިއްޒު ވަނީ މިނިސްޓަރެއްގެ ގޮތުގައި ރާއްޖޭގައި ހަތް އަހަރު ހޭދަ ކުރައްވާފައެވެ. އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އަދިވެސް ބޭނުންވަނީ ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވަން ކަމަށާއި އެމަނިކުފާނުގެ ބައްޕާފުޅު ޝައިޚް ޙުސެއިން އަބްދުއްރަޙްމާނަކީ ވެސް ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.
"ޤައުމީ ޚިދުމަތުގައި ދެމިހުންނާނަން. ސިޔާސީ މައިދާނުން ދުރަށްދާކަށް ނުވިސްނަން. އަދިވެސް ލިބޭ ފުރުސަތެއްގައި ކުރިއަށް ދާނަން" ހައުސިން މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިހިނގާ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުން، ރައީސް ޔާމީނާއެކު މިހާރު ތިއްބެވި ބޭފުޅުން ވާނީ އިދިކޮޅު ބޭފުޅުންނަށެވެ. މިކަން ފާހަގަ ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، އިދިކޮޅު ޕާޓީއެއްގައި މަސައްކަތް ކުރުން ވާނީ އެމަނިކުފާނަށް އާ ތަޖުރިބާއެއް ކަމަށެވެ.
އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަން ނިންމާފައިވީ ނަމަވެސް، ވާދަ ކުރައްވަން ގަސްދު ކުރައްވާފައިވާ ދާއިރާއެއް އަދި ޑރ. މުއިއްޒު ހާމައެއް ނުކުރައްވައެވެ. އެމަނިކުފާނު ވިދާޅުވީ، ދާއިރާ ކަނޑައަޅުއްވާނީ ޕީޕީއެމްގެ މަޝްވަރާއާއެކު ކަމަށެވެ.