ޕީޕީއެމް ކޮންގްރެސް އާމެދު މިރޭ ގޮތެއް ނިންމަނީ

ކިޔުމަށް ހޭދަވާނީ 1މ 14ސ
ޕީޕީއެމް ކޮންގްރެސް އާމެދު މިރޭ ގޮތެއް ނިންމަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކޮންގްރެސް މައްސަލައިގައި މިރޭ ގޮތެއް ނިންމުމަށް ހައިކޯޓުން ތާވަލު ކޮށްފިއެވެ.

 

ރިޔާސީ އިންތިހާބަށްފަހު، ނިމިދިޔަ އޮކްޓޯބަރ މަހު ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގެ ނިންމުންތަް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން، އެޕާޓީން ވަނީ އެމައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. އަދި މިމައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް މިރޭ 20:30 ގައި ބޭއްވުމަށް އެކޯޓުން ވަނީ ތާވަލު ކޮށްފައެވެ.

 

މިމައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި މިމަހުގެ ފަސްވަނަ ދުވަހު ފަށާފައިވާއިރު، މިރޭ އޮތީ މިމައްސަލައިގެ ހުކުމް އިއްވުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

މިމައްސަލައިގެ ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލު ވިދާޅުވީ ޕީޕީއެމް ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ބައިވެރިވި ކަމަށާއި އެގޮތުން އެމްޑީޕީ އައި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްޑީއޭގެ މެމްބަރުންނާއި ވަކި ޕާޓީތަކަށް ނިންބަތްނުވާ މީހުންވެސް އެކޮންގްރެސްގައި ބައިވެރިވެފައިވާ ކަމަށެވެ.

 

މިފަދަ އެކިއެކި ކަންތައްތައް އެކޮންގްރެސްގައި ހިނގާފައިވުމުން، ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ ގގާނޫނާ ޚިލާފަށްކަން އެނގޭ ކަމަށް ވިދާޅުވެ އީސީގެ ވަކީލު ވަނީ، ޕީޕީއެމް ކޮންގްރެސް ބަލައިނުގަތުމަށް ނިންމި ނިންމުން ރަނގަޅުކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން