އޯލެވެލް ހެދުމުންނާއި އޭ ލެވެލް ހެދުމުން ކިޔަވައި ނިމުނީ ކަމަށް ބެލެވުނު ދުވަސްތައް މާކުރިން މާޒީވެ ނިމިއްޖެއެވެ. މިހާރު ކިރިޔާވެސް ޢިލްމެއް ހުރި ކަމަށް މިބެލެވެނީ ފުރަތަމަ ޑިގްރީއެއް ޙާޞިލުކުރުމުންނެވެ. މަތީ ތަޢްލީމް ޙާޞިލް ކޮށްދޭ ޤައުމީ ޔުނިވަރސިޓީ ހިންގަނީ ދައުލަތުން 80% ޚަރަދުކޮށްގެންނެވެ. ބާކީ އޮންނަ 20% ދައްކަން ދަރިވަރިންނަށް ޖެއްސުމުން ވެސް ގިނަ ކުދިންނަށް ޖެހެނީ ދަރަނިވެރިވާށެވެ.
އެކުދިންނަށް ލޯނު ދިނުމުން، ކިޔަވައި ނިމި ވަޒީފާއެއް ލިބޭއިރުވެސް ބޮލުގައި ބޮޑު ދަރަންޏެއް އެޅިފައި އޮވެއެވެ. އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނިންމެވުމަކީ ރާއްޖޭގައި ތިބެގެން ކިޔަވާނަމަ ކޮންމެ ދަރިވަރަކަށްވެސް ފުރަތަމަ ޑިގްރީ އާއި ހަމަ ހިލޭ، ސަރުކާރުގެ ޚަރަދުގައި ކިޔަވައި ދިނުމެވެ.
ރާއްޖޭގައި މިހާރު ޕީއެޗްޑީއަށް ކިޔަވައިދެމުން ގެންދާއިރު ފުރަތަމަ ޑިގްރީއަށް ކިޔަވައި ދެވެމުން ދަނީ އަވަށްޓެރި ޤަުމުތަކަށްވުރެ މާރަނގަޅު ފެނަވަރުގައެވެ. ހަމަ އިނގިރޭސިވިލާތާއި މެލޭސިޔާ ފަދަ ޤައުމުތަކުގެ ފެންވަރުގައެވެ. ވީމާ ފުރަތަމަ ޑިގްރީއަށް ކިޔަވަން ރާއްޖެއިން ބޭރަށް ދާންޖެހެންވީ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ.
"އައު ސަރުކލާރުން، ސްކޫލްކުދިންނަށް ހިލޭ އިންޓަރވަލް ދިނުމާއި މަތީތއުލީމާއި ހަމަށް ހިލޭ ކުރުން، މިއީ އަޅުގަނޑަށް ވަރަށް ކަމުދިއަ ވިސްނުންތަކެއް! ވަރަށް ހިތް ގައިމު! މާޝާ ﷲ!" މިއީ ޤައުމީ އިންތިޚާބީ ރައީސް ގެ ނިންމެވުމަށް ތަޢްރީފް ކުރައްވައި ޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެކެވެ.