އެއީ ކޮންމެ އަހަރަކު ބަދަލުވާ ރެއަކަށްވުން-
ލައިލަތުލް ޤަދްރިއަކީ ޤުރުއާން ބާވައިލެއްވުނު ރެއަށް ވީ ހިނދު އެ ރެއަކީ ކޮންމެ އަހަރަކު ބަދަލުވާ ރެއަކަށް ވެދާނެ ތަ؟
އަލްޙާފިޘް އިބްނު ޙަޖަރު ރަޙިމަހުﷲ ( އަވަހާރަވީ 852 ހ) ވިދާޅުވިއެވެ.
" ހަމަކަށަވަރުން އިމާމު އަޙްމަދު ރަޙިމަހުﷲ އާއި އަލްބައިހަޤީ ރަހީމަހުﷲ އެކަލޭގެފާނުގެ އައްޝުޢަބު އޭ ކިޔުނު ފޮތުގައި (އެބަހީ: ޝުޢަބުލް އީމާނުގައި) ވާޞަލަތު ބުން އަލް ސަޤަޢު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާ ކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
މާނައީ: " އިބްރާޙީމް ޢަލައިހިއް ސަލާމް ގެ ޞުޙުފު ބާއްވައިލެއްވުނީ ރަމަޟާން މަހުގެ ފުރަތަމަ ރޭގައެވެ. އަދި ތައުރާތު ބާވައިލެއްވުނީ ރަމަޟާން މަހުގެ ހައެއް ފައިތުވުމުންނެވެ. އަދި އިންޖީލު ބާވައިލެއްވުނީ ރަމަޟާން މަހުގެ ތޭރަ ފާއިތު ވުމުންނެވެ. އަދި ފުރްޤާން (އެބަހީ: ޤުރުއާން) ބާވައިލެއްވުނީ ރަމަޟާން މަހުގެ ސައުވީސް ފާއިތު ވުމުންނެވެ."
މި ހުރިހާ ޙަދީޘެއްވެސް އަންނަނިވި އާޔަތްތަކާ ފުށުއެރުމެއް ނުވެއެވެ.
ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
މާނައީ: " ރަމަޟާން މަހަކީ އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ."
އަދިވެސް ވަޙީ ކުރެއްވިއެވެ.
މާނައީ: " ހަމަކަށަވަރުން ތިމަން އިލާހު އެ (އެބަހީ: ކީރިތި ޤުރުއާން) ބާވައިލެއްވި ލައިލަތުން ޤަދްރި (އެބަހީ: ނިޔާ ކަނޑައަޅުއްވާ ރޭ) ގައެވެ."
އިޙްތިމާލު އޮތް ގޮތަކީ އެ އަހަރުގެ ލައިލަތުލް ޤަދްރި ދިމާވީ އެ ރެއާއެވެ."
ލައިލަތުލް ޤަދްރި އަކީ ކޮންމެ އަހަރަކު ބަދަލުވާ ރެއެއް ތަ؟
އެއީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ބަދަލުވަމުންދާ ރެއެކެވެ. ބައެއް އަހަރުތަކުގައި 23 ވިލޭރެއާ ދިމާވެއްޖެއްޔާ އަނެއްބައި އަހަރުތަކުގައި 27 ވިލޭރެއާ ނުވަތަ ފަހުދިހައިގެ އެހެން ރެއެއްވެސް ލައިލަތުލް ޤަދްރިއަށް ވެދާނެއެވެ. އަންނަނިވި ބަސްފުޅުތަކުން މިކަން ހާމަވެގެން ދާނެއެވެ. ان شا الله .
އައްތިރްމިޛީ ރަޙިމަހުﷲ (އަވަހާރަވީ 279 ހ) ވިދާޅުވިއެވެ.
" ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން އައިސްފައިވާ ގިނަ ރިވާޔާތްތަކުގައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ ފަހު ދިހައިގެ އޮނަހިރި ހުރިހާ ރެއެއްގައިވެސް އެރޭ ހޯދުމަށް މަސައްކަތްކުރުމަށެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން ލައިލަތުލް ޤަދްރިއާ ބެހޭގޮތުން އެއީ 21 ވިލޭރޭކަމަށް، 23 ވިލޭރޭކަމަށް، 25 ވިލޭރޭކަމަށް، 27 ވިލޭރޭކަމަށް، 29 ވިލޭރޭކަމަށް އަދި ރަމަޟާން މަހުން އެންމެ ފަހު ރޭ ކަމަށްވެސް އައިސްފައި ވެއެވެ.
އައްޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ.
"ތިމަންކަލެގެފާނަށް މިކަން ފެނިވަޑައިގަންނަވަނީ – والله اعلم – ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވޭ ސުވާލާ ގުޅުވައިގެން އެކަލޭގެފާނު މިކަމުގައި ޖަވާބު ދެއްވާފައިވާ ކަމަށެވެ. އެރޭ މިވެނި ރެއެއްގައި ހޯދަންވީތޯ ސުވާލު ދެންނެވިއްޖެނަމަ އެވެނި ރެއެއްގައި ހޯދަން މަސައްކަތްކުރަން އެކަލޭގެފާނު އިރުޝާދު ދެއްވައެވެ."
އަދިވެސް އައްޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ.
"ތިމަންކަލޭގެފާނުގެ އަރިހުގައި އެކަމުގައި އެންމެ ވަރުގަދަ ރިވާޔަތަކީ އެއީ 21 ވިލޭރޭ ކަމަށް ބަޔާންކޮށްފައިވާ ރިވާޔަތެވެ."
އަދި އުބައްޔު ބުން ކަޢުބު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެން އައިސްފައިވަނީ އެކަލޭގެފާނު ހުވާ ކޮށްފައި ވިދާޅުވެފައިވަނީ އެއީ 27 ވިލޭރޭ ކަމުގައެވެ. އަދި އެކަލޭގެފާނު ވިދާޅުވަނީ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންނަށް، އެރޭގެ ޢަލާމާތްތައް ޚަބަރު ކުރެއްވި ކަމަށެވެ. އަދި އެކަލޭގެފާނު ވިދާޅުވަނީ އެ އުނގެނި، އެބޭކަލުން ހިތުދަސް ކުރެއްވިކަމަށެވެ.
އަދި އަބޫ ޤިލާބާ ރަޙިމަހުﷲ ގެ އަރިހުން ރިވާވެގެން އައިސްފައިވަނީ އެކަލޭގެފާނު ވިދާޅުވީ އެއީ ފަހު ދިހައިގައި (އެކި އަހަރުތަކުގައި) ބަދަލުވާ ރެއެއްކަމުގައެވެ.
އިބްނު ޢަބްދުލްބައްރު ރަޙިމަހުﷲ (އަވަހާރަވީ 463 ހ) ވިދާޅުވިއެވެ.
"އިސްވެ ދިޔަ ޙަދީޘްތަކުން ދަލާލަތުކުރަނީ އެއީ ބަދަލުވާ ރެއެއްކަމެވެ. – والله اعلم -. އަދި އެރޭ ވަނީ ކޮންމެ ރަމަޟާން މަހެއްގައި އެއް ރެއަކު ނޫނެވެ. ފަހަރުގައި 21 ވިލޭރެއަށްވެސް ވެދާނެއެވެ. އަދި 25 ވިލޭރެއަށްވެސް ވެދާނެއެވެ. އަދި 27 ވިލޭރެއަށްވެސް ވެދާނެއެވެ. އަދި 29 ވިލޭރެއަށްވެސް ވެދާނެއެވެ.
އަދި ޙަދީޘްގައި އައިސްފައިވާ:
(އެބަހީ: ކޮންމެ އޮނަހިރި ރެއެއްގައި) ނިޔާ ކުރަނީ އެފަދައިންނެވެ. އަދި އަބޫ ޤިލާބާގެ އަރިހުން އައްޔޫބު އަދި އައްޔޫބުގެ އަރިހުން މަޢުމަރު އަދި މަޢުމަރުގެ އަރިހުން ޢަބްދުއްރައްޒާޤު ރިވާ ކުރެއްވިއެވެ. އެއީ ފަހު ދިހައިގައިވާ، ބަދަލުވަމުންދާ ރެއެކެވެ. އެގޮތުން އަބޫ ސަޢީދު އަލްޚުދްރީ ރަޟިޔަﷲ ޢަންހު ގެ ޙަދީޘްގައި ވަނީ އެއީ 21 ވިލޭރޭ ކަމަށެވެ. އަދި ޢަބްދުﷲ ބުން އުނައިސު އަލްޖުހަނީ ރަޟިޔަﷲ ޢަންހު ގެ ޙަދީޘްގައި ވަނީ އެއީ 23 ވިލޭރޭ ކަމަށެވެ. އަދި އުބައްޔު ބުން ކަޢުބު ރަޟިޔަﷲ ޢަންހު އާއި މުޢާވިޔާ ބުން އަބީ ސުފްޔާނު ރަޟިޔަﷲ ޢަންހުގެ ޙަދީޘްގައި ވަނީ އެއީ 27 ވިލޭރޭ ކަމަށެވެ. އެއީ މުޅިންވެސް ޞައްޙަ ޙަދީޘްތަކެވެ.
އިބްނު ޢަޠިއްޔާ ރަޙިމަހުﷲ (އަވަހާރަވީ 542 ހ) ވިދާޅުވިއެވެ.
"ލައިލަތުލް ޤަދްރި އަކީ ރަމަޟާން މަހުގެ އޮނަހިރި ރޭތަކުގައި ބަދަލުވަމުން ދާ ރެއެކެވެ. މިކަމުގައިވާ ޞައްޙަ އަދި އެންމެ ބުރަދަން ހުރި ބަސްފުޅަކީ މިއީއެވެ. އަދި އޮނަހިރިކަމަށް އެ ބަލަނީ މަސް ފުރިހަމަ ވުމާއި މަސް އުނިވުމަށް ބަލާފައެވެ. (އެބހި: 30 ހަމަވާ ފަހަރެއްގައި އަދި 29 ވާ ފަހަރެއްގައި އެކަން ތަފާތު ވާނެއެވެ. އެ ރެއަށް ފާރަވެރިވާ މީހަކު، މުޅި މަސް ނިމެންދެންވެސް ފަހު ދިހައިގެ ހުރިހާ ރެއަކަށް ސަމާލުވުން ހުއްޓެވެ. އެހެނީ މަސް ފުރިހަމަވާ ފަހަރެއްގައި އޮނަހިރި ބަލާނީ މަސް އުނިވާ ފަހަރެއްގައި ބަލާގޮތަކަށް ނޫނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައި އައިސްފައިވަނީ ( ރަމަޟާންމަސް ނިމެން) ތިން ރެއަށް ވެފައި ވަނިކޮށް ނުވަތަ ފަސް ރެއަށް ވެފައި ވަނިކޮށް ނުވަތަ ހަތް ރެއަށް ވެފައި ވަނިކޮށް އެރޭ ހޯދުމަށެވެ. ނުވަތަ ތިނަކުން، ފަހަކުން، ހަތަކުން އަދި ނުވަޔަކުން އެރޭ ހޯދާށެވެ.
އިމާމު މާލިކު ރަޙިމަހުﷲ ވިދާޅުވިއެވެ.
"'ނުވައަކުން' ގެ މުރާދަކީ 21 ވިލޭރެއެވެ."
އަދި އިބްނު ޙަބީބު ރަޙިމަހުﷲ ވުދާޅުވިއެވެ.
"މާލިކުގެ ފާނުގެ މުރާދަކީ މަސް އުނިވެއްޖެ ފަހަރެއްގައެވެ."
މިކަމުގައި ފެންނަން އޮތީ މަސް ފުރިހަމަ ވެދާނެތީ ނުވަތަ އުނި ވެދާނެތީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ރައްކާތެރިވެ ވަޑައިގެންފައިވާ ކަމެވެ. އެހެންކަމުން، ފަހު ދިހައިގެ ހުރިހާ ރެއެއް އަޅުކަމުގައި ހޭދަކޮށްގެން މެނުވީ އެ ރޭ ޙާޞިލެއް ނުވާނެއެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ (އަވަހާރަވީ 728 ހ) ވިދާޅުވިއެވެ.
"ލައިލަތުލް ޤަދްރި ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގައެވެ. މިފަދައިން ޞައްޙަ މަގުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން ވާރިދުވެފައި ވެއެވެ.
އެހެންކަމުން އެރޭ ވަނީ ރޭތަކުގެ ތެރެއިން އޮނަހިރި ރޭތަކުގައެވެ. އެހެނަސް އޮނަހިރި ގުނާއިރު ( ދެގޮތަކަށް ގުނައެވެ. އެއީ) ފާއިތުވެދިޔަ މިންވަރަށް ބަލާފައި ގުނުމެވެ. އޭރުން އޮނަހިރި ރޭތަކަށް ވާނީ: 21 ވިލޭރެއާއި 23 ވިލޭރެއާއި 25 ވިލޭރެއާއި 27 ވިލޭރެއާއި އަދި 29 ވިލޭރެއެވެ.
(ދެވަނަ ގޮތަކީ) ބާކީ އޮތް ރޭތަކަށް ބަލާފައި ގުނުމުވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘް ބަސްފުޅުގައި ވަނީ ( ރަމަޟާންމަސް ނިމެން) ތިން ރެއަށް ވެފައި ވަނިކޮށް ނުވަތަ ފަސް ރެއަށް ވެފައި ވަނިކޮށް ނުވަތަ ހަތް ރެއަށް ވެފައި ވަނިކޮށް އެ ރޭ ހޯދުމަށެވެ.
މިއަށް ބިނާކޮށް ދަންނަވަމެވެ. އެމަހުގައި 30 ދުވަސް ވާނަމަ: މަސް ނިމެން ނުވަވަނަ ރޭ ވާނީ 22 ވިލޭރެއަށެވެ. އަދި މސް ނިމެން ހަތްވަނަ ރޭ ވާނީ 24 ވިލޭރެއަށެވެ. އަބޫ ސަޢީދު އަލްޚުދްރީ ރަޟިޔަﷲ ޢަންހު ވަނީ މިކަމުގައި އައިސްފައިވާ ޞައްޙަ ޙަދީޘް މިފަދައިން ޝަރަޙަ ކޮށްދެއްވާފައެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މަސް ގުނުމުގައި މި މޭރުމުން ބައްލަވާފައެވެ.
އެހެންކަމުން އެ މަހަކީ 29 މަހެއްނަމަ އިސްވެ ތާރީޚު ގުނިހެން، އެ މަހުގައި ގުނަން ޖެހޭނީ ބާކީ ހުރި ރޭތަކަށް ބަލައިގެންނެވެ.
ކަން މިހެން އޮތްއިރު މުއުމިނު އަޅާގެ މައްޗަށް އޮތީ ފަހުދިހައިގެ ހުރިހާ ރެއަކަށްވެސް ސަމާލުވުމެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
(ހަދީޘް)
މާނައީ: "ރަމަޟާން މަހުގެ ފަހު ދިހައިގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތް ކުރާށެވެ."
އެ ރޭ ގިނައިން ދިމާވާނީ ފަހު ދިހައިގެ ފަހު ހަތް ރޭގައެވެ."
އަލްޙާފިޘު އިބްނު ޙަޖަރު ރަޙިމަހުﷲ (އަވަހާރަވީ 852 ހ) ވިދާޅުވިއެވެ.
" (އިސްވެ ބަޔާންވެ ދިޔަ ހުރިހާ ބަސްފުޅުތަކުގެ ތެރެއިން) އެންމެ ބުރަދަން ހުރި ބަސްފުޅަކީ އެ ރޭވަނީ ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ކަމެވެ. އަދި އެއީ މި ބާބުގައި ވާރިދުވެފައިވާ ޙަދީޘްތަކުން ދޭހަވާ ފަދައިން، ބަދަލުވާ ރެއެއް ކަމެވެ. އެރޭ ވުމަށް އެންމެ އުއްމީދު ކުރެވެނީ ފަހު ދިހައިގެ އޮނަހިރި ރެއެއްގައެވެ. އަދި ޝާފިޢީންގެ އަރިހުގައި ފަހު ދިހައިގެ އޮނަހިރި ރޭތަކުންވެސް އެންމެ އުންމިދު ކުރެވޭ ރެއަކީ އެކާވީސް ވިލޭރޭ ނުވަތަ ތޭވީސް ވިލޭރެއެވެ. އެއީ އަބޫ ސަޢީދު ރަޟިޔަﷲ ޢަންހު ގެ ޙަދީޘާއި ޢަބްދުﷲ ބުން އުނައިސު ރަޟިޔަﷲ ޢަންހު ގެ ޙަދީޘުގައިވާ ފަދައިންނެވެ. އަދި ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އެންމެ އުންމީދު ބޮޑު ރެއަކީ ހަތާވީސް ވިލޭރެއެވެ.
-- މަޢުލޫމާތު: ދިސަލަފިއްޔާގެ ފޮތަކުން
މަޢުލޫމާތު: ދިސަލަފިއްޔާގެ ފޮތަކުން
ލިޔުމުގެ އިތުރު ބައިތައް: