ރައީސް ޔާމީނަށް ރަޖިސްޓްރީ ބަދަލުކުރަން އުޅުނު ވަގު ރަޖިސްޓްރީ ހަދައިގެން އުޅޭ 1.3 މިލިއަން ތޫރޯގެ އަގުހުރި ކާރުގެ މައްސަލައިގައި މުސްޠަފާ އާއި ރައީސް ޔާމީނާ ހަމައިން އެކަނި ނިންނައެއް ނުލެވޭނެއެވެ. ސައުދީ ސަރުކާރުން ދިވެހި ދައުލަތަށް ހަދިޔާކުރި ކާރު އެއީ މުޞްޠަފާ އެތެރެކުރި ކާރަކަށް ހަދައި މުޞްޠަފާއަށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ލިޔުންތައް ދޫކުރި ފަރާތުގެ މައްސަލަ ވެސް ބެލެވެން ޖެހޭނެއެވެ.
އިންވޮއިސްގެ އިތުރުން ބީއެލް ދޫކުރި ކުންފުނި ވެސް ހޯދަން ޖެހޭނެއެވެ. ކާރު އެތެރެވީ އެ ބީއެލްގެ ދަށުންކަން ނުވަތަ ނޫންކަން ނުބެލި މީހުންވެސް ހޯދަންޖެހޭނެއެވެ. ކާރުގެ އަގު އެހައި ކުޑައަގަކަށް ހަދައި އިންވޮއިސް ފާސްކުރި މީހުންވެސް ހޯދަން ޖެހޭނެއެވެ. އަދި އެހައި ބޮޑު ވައްކަމުގެ ޖަރީމާތަކެއް ހިންގާފައިވާ ކާރެއްގެ ރަޖިސްޓްރީ ރައީސް ޔާމީނަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ކަމަށް ބުނާ ސިޓީ ފޮނުވުމުގައި ބައިވެރިވި މީހުންނާއި އެ ސިޓީ ފޮނުވަން އަމުރުކުރި ބައަކުވެސް ހޯދަން ޖެހޭނެއެވެ.
ހައްދުންމަތި ފޮނަދޫގައި ދުއްވަން ރަޖިސްޓްރީ ކުރި ކާރެއް މާލޭގައި ދުއްވުމުގައި ޒިންމާވާ ބައަކުވެސް ހޯދަން ޖެހޭނެއެވެ. މި ބޮޑު ވައްކަމުގައި ބައިވެރިވެރިވި އެންމެން ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް ނުއެޅުމަކީ މިބާވަތުގެ ވައްކަންތައް ކުރަން އިތުރަށް ހިތްވަރު ލިބޭނެ ކަމަކަށްވާއިރު މިކަންކަމަށް އޭސީސީ އިން ސަމާލުކަން ދޭނެ ކަމަށެ ބެލެވެއެވެ.