ރައީސް ޔާމީނަށް މިއަދު ހުވާ ކުރެއްވޭނީ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާ ތަނަށް ވަޑައިގަނެގެންނެވެ. ނޫންނަމަ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާ ތަން ނޫން އެހެން ތަނެއްގައި ހުންނަވައިގެންނެވެ. އަމިއްލަފުޅު ގެކޮޅުގައި ނުވަތަ އެހެންވެސް ތަނެއްގައި ހުންނަވައިގެން ހުވާ ކުރައްވައި ރާއްޖޭގެ ވެރިކަން ކުރެއްވިދާނެ ބާވައެވެ.
ރިޔާސީ އިންތިޚާބުގައި 38،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން ރައީސް ޔާމީން ބޮޑުތަނުން ބަލިވެވަޑައިގަތުމުންވެސް އެމަނިކުފާނުގެ ސަޕޯޓަރުން ބުނަމުން ގެންދިއައީ "ރައްޔިތުންގެ ވޯޓުން އިބޫ ހޮވުނު ނަމަވެސް ކުރިއަށް އޮތް ދައުރަށް ވެރިކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީނު" ކަމަށެވެ. "އިބޫ ވާނީ އިންތިޚާބު ކާމިޔާބުކޮށް ހުވާ ނުކުރެއްވޭ ހަމަ އެކަނި ރައީސަށް" ކަމަށްވެސް ޕީޕީއެމްގެ ބައްދަލުވުންތަކުގައި އިއުލާނު ކުރެވުނެވެ. މިމޭރުމުން ބުނެފައިވަނީ ފަރުދީ ހައިޞިއްޔަތުން އެކަންޏެއްވެސް ނޫނެވެ.
ވޯޓާއި ގުޅިގެން ޕީޕީއެމުން ބޭއްވި އެއްވުންތަކުގައިވެސް މިކަން ވަނީ ތަކުރާރުކޮށް އެތައް ފަހަރަކު އިއުލާނުކޮށްފައެވެ. ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އަކީވެސް މިފަދަ ބަސްތައް ބުނި މީހެކެވެ. ސުވާލަކީ މިފަދަ ބަސްތައް ބުނި މީހުން މިއަދު ބުނާނީ ކީކޭބާވައެވެ! އިންތިޚާބުގެ ކެންޕޭނު ފެށީވެސް މިފަދަ ވާހަކަތަކަކާއިއެކުގައެވެ.
"ކޮންމެ ގޮތަކުން ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާނީ ރައީސް ޔާމީނު" ކަމުގެ ސްލޯގަން ޢާއިއެކުގައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ކަންކަން ކުރައްވާފައިވާ ގޮތަށް ބަލައި އެއީ ޙަޤީޤަތަކަށް ވާނެ ކަމަށް ބަލައި އެ ފިކުރުގައި ރައީސް ޔާމީނަސް ވޯޓުދިން މީހުން ވެސް މަދެއް ނޫނެވެ.
ވޯޓު ނުދީފިނަމަ ވެރިކަމަށް ވަޑައިގެން ވޯޓު ނުދިން ކަމަށް ޝައްކުކުރެވޭ އެންމެންނަށް ކުރިމަތި ކުރުވާނެ މުޞީބާތްތަކަށް ބިރުންނެވެ. އެނގޭ ކަމަކީ ރާއްޖޭގައި ޤާނޫނު އަސާސީއެއް އޮންނަކަމާއި އެ ޤާނޫނު އަސާސީ ތަންފީޒުކުރާނެ މުއައްސަސާތައް ހުންނައިރު ޤާނޫނުން ބޭރުން ކަންކަން ކުރާނެ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވައިލުމަކީ ރަނގަޅު ކަމެއް ނޫން ކަމެވެ. ހަމަ އެއާއެކު ތަޤްދީރުގެ މައްޗަށް ތަދުބީރު ނުކުރެވޭނެކަން ޤަބޫލު ނުކުރެވެނީ އީމާންކަން ފުރިހަމަ ނުވާތީ ކަންވެސް ޤަބޫލުކުރަން ޖެހެއެވެ.