މިއަދަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ވަޒީރުން ރަސްމީކޮށް އޮފީހަށް ނުކުމެވަޑައިގެންނެވި ފުރަތަމަ ދުވަހެވެ.

ބައެއް ވަޒީރުން ވަނީ ވަރަށް ހެނދުނާ އޮފީހަށަ ވަޑައިގެންފައެވެ. ރައްޔިތުންގެ އުންމީދުތައް ވަނީ އައު ވަޒީރުންނާއި ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރައްވައި ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި އެންމެ އިސްކޮށް ތިއްބަވާނީ ވަޒީރުން ކަމަށްވާތީއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ހިމެނެނީ 19 ވުޡާރާއަކާއި ދައުލަތުގެ ބަންޑާރަ ނައިބެވެ. އެމަނިކުފާނު ވަނީ އިތުރު 5 މިނިސްޓްރީ އުފައްދަވައި ރައްޔިތުންނަށް ޚިދުމަތް ދެއްވަން ފަސޭހަވާނެ ގޮތަށް ވުޒާރާތައް އުފައްދަވައި ވަޒީރުން އިސްކުރައްވައިފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޒީރުންގެ މަޖިލީހަށް މި ބަދަލު ގެންނެވި ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރަށްވުރެ ސިޔާސީ މަޤާމުތައް ވަނީ 16 އިންސައްތަ މަދުކުރައްވައި ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަކުރައްވައިފައެވެ.
