އިންކަމް ޓެކްސް ނަގަން ފެށުން އަވަސްކުރަން ޢަބްދުﷲ ރިޔާޟް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އިންކަމް ޓެކްސް ނަގަން ފެށުން އަވަސްކުރަން ޢަބްދުﷲ ރިޔާޟް ގޮވާލައްވައިފި

އިންކަމް ޓެކްސް ނަގަން ފެށުން އަވަސްކުރުމަށް ޖޭޕީގެ ޕީޖީ ލީޑަރު، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ގޮވާލައްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޟް ވިދާޅުވީ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށާއި އެކަންކަން ފުރިހަމަކޮށްދީ ރައްޔިތުންނަށް ޚިދުމަތްކުރަން ވަރަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށާއި އެ ފައިސާ ބަޖެޓަށް ލިބެން އޮތީ އިންކަމް ޓެކްސް ނަގައިގެން ކަމަށެވެ.

ރިޔާޟް ވިދާޅުވީ ފާއިތުވި 5 އަހަރަކީ ކިނބިދޫ ދާއިރާގައި ހިމެނޭ 5 ރަށުގައި ތަރައްޤީއަށް އެއްވެސް މަޝްރޫއެއް ހިންގާފައިނުވާ 5 އަހަރު ކަމަށެވެ. އެހެންކަމުން ފާއިތުވި 5 އަހަރު ދާއިރާގެ ތަރއްޤީއަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. "މިކަން މިހެންމިވީ އަޅުގަނޑަކީ ރައީސް ޔާމީނުގެ ސަރުކާރުން ކުރަމުން ގެންދިއަ ވައްކަންތަކާ އަނިޔާވެރިކަމަށް ދެކޮޅު މީހަކަށްވާތީ.

" ރިޔާޟް ވިދާޅުވީ ކޮޅުމަޑުލުގައި ފެރީގެ ޚިދުމަތް ދެނީ އެމްޓީސީސީ އިން ކަމަށާއި މުޅި އަތޮޅަށް ފެރީގެ ޚިދުމަތް ދިނުމަށް ބޭނުންކުރަނީ އެންމެ ދޯންޏެއް ކަމަށްވުމުން އެކަށީގެންވާ ގޮތުގައި ޚިދުމަތް ނުދެވޭ ކަމަށާއި އެކަން ރަނގަޅުކޮށް ރައްޔިތުންނަށް އެކަށީގެންވާ ފެރީގެ ނިޒާމެއް ހަމަޖައްސައި ދިނުމަށް މިސަރުކާރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

"މިހފަހަރުގެ ރިޔާސީ އިންތިޚާބުގަ ރައީސް ޔާމީނަށް ދާއިރާގެ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނީ ފާއިތުވި 5 އަހަރު ދާއިރާއަށް ތަރައްޤީ ގެނެސްދީފައި ނުވާތީ. ރައީސް ޔާމީނު ކޮށް ނުދެއްވައި ހުރި ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންގޮސްދޭނެ ކަމަށް އުންމީދުކުރަން." ރިޔާޟް ވަނީ ދާއިރާގެ 5 ރަށުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރައްވައި އެ މައްސަލަތަކަށް އަވަސް ހައްލެއް ރައްޔިތުން ބޭނުންވާކަން ފާހަގަކުރައްވައިފައެވެ

މިއަދު އޮންލައިން