ކޮޕީފަތުން ގިނަ ފައިދާތަކެއްލިބޭއިރު އަންހެނުންނަށް ޖެހޭ 2 ބާވަތުގެ ކެންސަރުންވެސް ދުރުކޮށްދޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 26ސ
ކޮޕީފަތުން ގިނަ ފައިދާތަކެއްލިބޭއިރު އަންހެނުންނަށް ޖެހޭ 2 ބާވަތުގެ ކެންސަރުންވެސް ދުރުކޮށްދޭ!

ތަފާތު ބާވަތްތަކުގެ ކެންސަރު ގިނަ ބައަކަށް ޖެހެމުން އަންނައިރު އެއިގެ ތެރޭގައި ފުއްޕާމެއަށް ޖެހޭ ކެންސަރާއި އަންހެނުންގެ ރަޙިމަށާއި އަދި އުރަމައްޗަށް ޖެހޭ ކެންސަރުވެސް އަންނަނީ އިތުރުވަމުންނެވެ. ވީމާ މިގެނެސްދެނީ ސަލާމަތްވެ ތިބުމަށް ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއްގެ ވާހަކަ ހިމެނޭ ލިޔުމެކެވެ. 

އަޅުގަނޑު ދިރިއުޅޭ ރަށުން ކޮޕީފަތް ނުހުންނަ ދުވަސްވަރެއް ހަދާން ނުވެއެވެ. ވަރަށް ގިނަ ގޭގެގައި ކޮޕީފަތް ހައްދާފައި އޮވެއެވެ. މިފަތަކީ އޭގެން ގިނަ ގުނަ ވިޓަމިންތަކާއި މިނެރަލް ލިއްބައިދޭ ރަހަ މީރު ރށްފުށުން ފަސޭހައިން ލިބެން ހުންނަ ފަތެކެވެ. މާބޮޑު މަސައްކަތަކާއި ނުލާވެސް ކާލެވޭ ފަތެކެވެ. ބަތް ކާއިރު ބަތާއި އެއްކޮށްވެސް ކާލެވޭނެއެވެ. ސްލެޑް ތައްޔާރު ކޮށްލައިގެންވެސް ބޭނުން ކުރެވޭނެއެވެ. މި ފަތުން ލިބޭ ބައެއް ފައިދާތަކަށް އަލިއަޅުވައިލެވޭތޯ މަސައްކަތް ކޮށްލާނަމެވެ. 

ކެންސަރުން ރައްކާތެރި ވުމަށް އެހީތެރިވެދިނުން: 

ކޮޕީފަތަކީ ކްރޫސިފަރަސް ތަރުކާރީގެ އާއިލާއަށް ނިސްބަތްވާ ފަތެކެވެ. ކުރިން ކުރެވިފައިވާ ބައެއް ދިރާސީތަކުންނާއި މިފަހުގެ ދިރާސީތަކުން ދައްކާ ގޮތުގައި ކްރޫސިފަރަސް ބާވަތުގެ ތަރުކާރީ ގިނައިން ބޭނުންކުރާ ފަރާތްތަކަށް ބައެއް ކަހަލަ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދެއެވެ. އޭގެ ތެރެއިން ރަހިމަށްޖެހޭ ކެންސަރާއި، އުރަމައްޗަށް ޖެހޭ ކެންސަރު އަދި ފުއްޕާމޭ ކެންސަރު ހިމެނެއެވެ. ކްރޫސިފަރަސް ތަރުކާރީ ކެއުމާއި ކެންސަރުގެ ނުރައްކާ ކުޑަވުމާއި ދެމެދު އޮތް ގުޅުން ޓްސްޓް ޓިއުބް އަދި ޖަނަވާރުން ބޭނުން ކޮށްގެން ކުރެވުނު ދިރާސާއަކުން ވަނީ ދައްކައިދީފައެވެ. 

ކްރޫސިފަރަސް ބާވަތުގައި ގްލޫކޯސިނޯލޭޓްސް ކިޔާ ބާވަތެއް އެކުލެވެއެވެ. މި މާއްދާ ހަށިގަނޑަށް ދިއުމުން އައިސޯތިއޯސައިނޭޓް ބަދަލުވެއެވެ. މި މާއްދާއަކީ ހަށިގަނޑުގައިވާ ސެލްތައް ހަލާކުވުމުން ސަލާމަތް ކޮށްދޭ މާއްދާއެކެވެ. އަދި މި މިއީ ކެންސަރު ޖެހުމުންވެސް ރައްކާތެރި ކޮށްދީފާނެ މާއްދާއެކެވެ. ކޮޕީފަތުން ކެންސަރުން ރައްކާތެރިކޮށްދެނީ ކިހިނެއްތޯ ބެލުމަށްޓަކައި އިތުރު ދިރާސާތަކެއް ކުރަން ޖެހެއެވެ. 

ކަށިތަކުގެ ދުޅަހެޔޮކަމަށް: 

ކޮޕީފަތަކީ ކެލްސިއަމްއާއި ވިޓަމިން ކޭ އިން މުއްސަނދިފެފައިވާ ފަތެކެވެ. ކަށިތައް ދުޅަހެޔޮކަންމަތީ ހުރުމަށް މި ދެ މާއްދާ މުހިއްމު ރޯލެއް އަދާ ކުރެއެވެ. އެއް ޖޯޑު ކަންކާފަހުންނަ ކޮޕީފަތުން ދުވާލަކަށް ބޭނުންވާ އަދަދުގެ 27 އިންސަތަ ކެލްޝިއަމް ލިއްބައިދެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ހަށިގަނޑަށް ބޭނުންވާވަރަށް ކެލްޝިއަމް ނުލިބޭނަމަ ފަސޭހައިން ކަށިތަކުގައި ރެނދުލާ ގޮތް ވެއެވެ. އަދި ވިޓަމިން ކޭ އިން ޕްރޮޓީން އެކްޓިވޭޓް ކޮށްދެއެވެ. ޕްރޮޓީން އަކީވެސް ދުޅަހެޔޮ ކަށިތަކަކަށް އެހީވެދޭ މާއްދާއެކެވެ. 

ކޮލެސްޓްރޯލް ދަށް ކޮށްދިނުމަށް އެހީތެރިވުން: 

ދިރާސާތަކުން ދައްކާ ގޮތުގައި ކޮޕީފަތް ކެއުމުން ލޭގައި މަތިވެފައި ހުންނަ ހަށިގަނޑަށް ގެއްލުންވާ ކޮލެސްޓްރޯލް ދަށްކޮށްދެއެވެ. ކޮޕީފަތަކީ ކޮލެސްޓްރޯލުގެ އިތުރުން ލޭގެ ޕްރެޝަރަރ މައްޗަށްދާ ބޭފުޅުން ބޭނުން ކުރުމަށްވެސް ރަނގަޅު ފަތެކެވެ. މި ދެ މާއްދާ ރަނގަޅުވުމުގެ ސަބަބުން ދުޅަހެޔޮ ހިތެއް ލިބުމަށް މަގުފަހި ކުރުވައެވެ.

ފަސޭހައިން ނިދުމަށް އެހީތެރިވެދިނުން: 

ކޮޕީފަތުގައި ހިމެނޭ ކޮލިން ކޮންޓެންޓްގެ ސަބަބުން ފަސޭހައިން ނިދުމަށް އެހީތެރިވެދެއެވެ. ނިއުރޯޓްރާންސްމިޓަރ ކޯލީން އަކީ މޫޑު ރަނގަޅުކޮށްދީ، ނިދި ރަނގަޅުކޮށް، ހަނދާން ދެމެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. 

ފަސޭހައިން ހަޖަމް ކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެއް: 

ފައިބަރ ގިނައިން އެކުލެވޭ ކާނަ ކެއުމުން ބޮނޑުކަމުދާން ފަސޭހަވެއެވެ. ކޮޕިފަތަކީ އޭގައި ގިނައިން ފައިބަރ އެކުލެވޭ ފަތެކެވެ. ބޮނޑުކަމު ދާން އުނދަގޫ ނަމަ ގަވައިދުން މި ފަތް ބޭނުން ކުރުން އެދެވިގެންވެއެވެ. އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއެއް ހިއްސާކޮށްލާނަމެވެ. އަޅުގަނޑަކީ ބަނޑުހަރުވެ ފާހާނާއަށް ދާން ވަރަށް އުނދަގޫވާ މީހެކެވެ. ޑޮކްޓަރުން ދެއްވި ގިނަ ބޭސްތަކެއް ކެއުމުންވެސް މިކަމަށް އެދެވޭ ހައްލެއް ނުލިބުނެވެ. 

ކްޓަރެއް ލަފާ ދެއްވީ ގިނައިން ތަރުކާރީއާއި މޭވާ އަދި ފެހިކަން ގަދަ ފަތް ކެއުމަށެށެވެ. ރަށުގައި އެންމެ ފަސޭހައިން އަޅުގަނޑަށް ލިބެން ހުރީ ކޮޕީފަތް ކަމުން މެންދުރާއި ރޭގަނޑުގެ ކެއުމުގައި ކޮންމެ ދުވަހަކު މިފަތް ބޭނުން ކުރަން ފެށީމެވެ. އޭގެ ފަހުން ﷲ އިރާދަފުޅުން ޢަޅުގަނޑަށް ފާހާނާއަށް ދިއުމަށް ފަސޭހަވެގެން ދިޔައެވެ. މިހާރުވެސް މި ފަތް ގަވައިދުން ބޭނުން ކުރަމެވެ. ކޮޕީފަތިގައި ޑައިޓްރީ ސަލްފޯރަފިން ނަމަކަށް ކިޔާ ޕްލާންޓް ކޮމްޕައުންޑެއް ހުރެއެވެ. މި މާއްދާއިން ބަނޑުހަރުވުމުގެ ސަބަބުން ދިމާވާ ބައެއް އުނދަގޫތައް ލުއިކޮށްދޭކަމަށް ބުނެވެއެވެ.  

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ. 

-- އުންމު ނަވާރު 

މަސްދަރު:

Berkheiser, K. (2021) Collard greens: Nutrition, benefits, recipe, and more, Healthline. Available at: https://www.healthline.com/nutrition/collard-greens-benefits#benefits.

Collard greens are cheaper than other cruciferous veggies in the U.S., and packed with nutrients (2021) Prevention. Available at: https://www.prevention.com/food-nutrition/a34212046/collard-greens-nutrition/.

Collard greens: Benefits, nutrition, diet, and risks (no date) Medical News Today. Available at: https://www.medicalnewstoday.com/articles/277957#health_benefits.

 

 

 

 

 

 

 

 

 

މިއަދު އޮންލައިން