ޢަލީ އިޙްޞާން ފިރާޤް
ހަކުރު ބައްޔަކީ ލޭގައި ހަކުރު ހުންނަން ޖެހޭ މިންވަރަށް ވުރެ މައްޗަށް ދިޔުމެވެ. ލޭގައި ހަކުރު ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހަކުރު ހުރެއްޖެނަމަ އޭގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުން ލިބެއެވެ. ހަކުރުބަލީގެ ދެވައްތަރެއް ހުރެއެވެ. އެއީ ޓައިޕް 1 އަދި ޓައިޕް 2 އެކެވެ. ފުރަތަމަ ވައްތަރު އާއްމުކޮށް ޖެހެނީ ޒުވާންނުންނަށާއި ކުޑަކުދިންނަށެވެ. މިއީ އޮޓޯއިމިއުން ބައްޔެކެވެ. މިވައްތަރު ކޮންޓްރޯލް ކުރުމަށްޓަކައި އިންސިއުލިން ދޭން ޖެހެއެވެ. ދެވަނަ ވައްތަރު އާންމުކޮށް ޖެހެނީ އުމުރުން ދުވަސްވުމުންނެވެ. މި ވައްތަރު ދިރިއުޅުމުގެ ވައްޓަފާޅި އާއި ބޭހުގެ އެހީގައި ކޮންޓްރޯލް ކުރެވޭނެއެވެ.
ގިނަ މީހުންނަށް ހަކުރު ބަލިޖެހިފައިވާކަން ނޭނގިވެސް އެތައް މުއްދަތެއް ހޭދަވެއެވެ. އެއީ ބައެއް ފަހަރު އެއްވެސް އަލާމާތެއް ނެތިވެސް ހަކުރުބަލި ޖެހިފައި ހުރެދާނެއެވެ. ނަމަވެސް ވަކިވަރަކަށް ވުރެ އިތުރަށް ހަކުރު މަތިވެއްޖެނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ގިނަގިނައިން ކުޑަކަމުދިޔުމާއި ކަރުހިއްކުމާއި ބަނޑުހައިވުމާއި އަބަދު އެއްޗެއްކާން ބޭނުންވެފައި ހުރުމާއި ކޭކަމުގައިވިޔަސް ހަށިގަނޑުގައި ވަރު ނެތުންފަދަ އަލާމާތައް ހިމެނެއެވެ. ބައެއް މީހުންގެ ކުއްލިއަކަށް ބަރުދަން ލުއިވުންފަދަ މައްސަލަތައްވެސް ދިމާވެއެވެ. ލޯފުސްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ގައިގައި ޖަހާ ފާރުތައް ނުހިކި ގިނަދުވަސްވުމާއި ހަމުގެ މައްސަލަތައް ދިމާވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ހަކުރު ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތައް ދެބަޔަކަށް ބަހާލެވިދާނެއެވެ. އޭގެ ތެރެއިން ފުރަތަމަ ބަޔަކީ އަހަރެމެންނަށް ކޮންޓްރޯލް ކުރެވޭނެ ކަންތައްތަކެވެ. އޭގެ ތެރޭގައި ބަރުދަން ލުއިކުރުމާއި ގަވައިދުން ކަސްރަތުކޮށް ހެލިފެލިވެ އުޅުމާއި މިންހެޔޮ ކެއުމެއްގައި ދެމިހުރުން ހިމެނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފަލަމީހުންނާއި ހެލިފެލިވެނޫޅޭ މީހުންނަށް ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. ދެވަނަ ބައިގައި ހިމެނެނީ އަހަރެމެންނަށް ކޮންޓްރޯލް ނުކުރެވޭނެ ކަންތައްތަކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން ދުވަސްވުމާއި އާއިލާގެ ތެރެއިން ބަލިވާރުތަވެގެންވެސް ހަކުރުބަލި ޖެހެއެވެ. އަދި ބައެއް ނަސްލުތަކުގެ މީހުންގެ މެދުގައިވެސް ހަކުރުބަލި ގިނަކަމަށް ފާހަގަ ކުރެވެއެވެ. އެންމެ ރަނގަޅު ގޮތަކީ އަހަރެމެންނަށް ކޮންޓްރޯލް ކުރެވެން ހުންނަ ކަންތައްތައް ރަނގަޅު ކޮށްގެން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމެވެ.
ހަކުރުބަލި ތަހައްމަލު ކުރަމުން ގެންދާ މީހުންގެ ތެރެއިން މާބަނޑު ނޫން މީހުންގެ އާންމުގޮތެއްގައި ހަކުރު ހުންނަޖެހޭ މިންވަރަކީ ކެއުމުގެ ކުރިން ހެނދުނު ހުސްގޮހޮރާ 80-130 ދެމެދުގައެވެ. ކެއުމުގެ ދެގަޑިއިރުފަހުން 180 އަށްވުރެ ދަށުގައި ހުރުމެވެ. 70 އަށްވުރެ ހަކުރު ދަށްވުމަކީވެސް މައްސަލައެކެވެ. އޭގެ ސަބަބުން ގެއްލުންތައް ފޯރާނެކަމެކެވެ. މާބަނޑު މީހުންގެ ހަކުރު ހުންނަން ޖެހޭ މިންވަރު އާއްމު މީހަކާ ވަރަށް ތަފާތުވާނެއެވެ. ކެއުމުގެ ކުރިން މާބަނޑުމީހުންގެ ހަކުރު ހުންނަން ޖެހޭނީ 70 އާއި 95 ދޭތެރޭގައެވެ. ކެއުމަށްފަހު 2 ގަޑިއިރުފަހުން ހުންނަން ޖެހޭނީ 120 ވުރެ ދަށުގައެވެ.
ހަކުރުބަލި ހުންނަ މީހުން ހެދުމަށް ޑޮކްޓަރުން ލަފާދޭ އެއް ޓެސްޓަކީ އެޗްބީއޭވަންސީ (HbA1c) ޓެސްޓެވެ. މި ޓެސްޓަކީ ކޮންމެ ތިންމަހަކުން ހެދުމަށް ލަފާދެވޭ ޓެސްޓެކެވެ. މި ޓެސްޓުގެ ސަބަބުން ތިންމަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް ހަކުރު ހުރި މިންވަރު ދެނެގަނެވޭނެއެވެ. އާއްމު ގޮތެއްގައި ތިންމަސްދުވަހުގެ އެވްރެޖް ހުންނަން ޖެހޭނީ ހަތަކަށް ވުރެ ދަށުގައެވެ. ބައެއް މީހުންނަށް 6.5 ވުރެވެސް ދަށްކޮށްލުމަށް ޑޮކްޓަރުން އިރްޝާދު ދީފާނެއެވެ. ބައެއް މީހުންނަކީ ތިންހަތަރު ފަހަރު އިންސިއުލިން ޖަހަންޖެހޭ މީހުންނެވެ. އެމީހުން 8 ވުރެ ދަށްކޮށް ހުއްޓަސް އެންމެ ރަނގަޅު ކަމުގައި ޑޮކްޓަރުން ބުނެފާނެއެވެ. އެކިމީހުންނަށް ރަނގަޅު އަދަދަކީ ކޮބައިކަން ކަނޑައަޅާނީ އެމީހާގެ މައުލޫމާތު ރަނގަޅަށް އޮޅުން ފިލުވުމަށްފަހު ޑޮކްޓަރެވެ. ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭ މިފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ބަލިމީހާ އާއި ޑޮކްޓަރާ ގުޅިގެން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ރަނގަޅު ނަތީޖާ ފެންނާނެ ކަމެކެވެ.