ޒުވާންކަން ގިނަ ދުވަހަށް ދެމެހެއްޓުމަށްޓަކައި އޮމާން ރީތިކަންމަތީ ހަންގަނޑު ބަހައްޓަން ބޭނުންވާނަމަ ނިކަން މިކަންކަން ކޮށްބަލަ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 30ސ
ޒުވާންކަން ގިނަ ދުވަހަށް ދެމެހެއްޓުމަށްޓަކައި އޮމާން ރީތިކަންމަތީ ހަންގަނޑު ބަހައްޓަން ބޭނުންވާނަމަ ނިކަން މިކަންކަން ކޮށްބަލަ!

ދުޅަހެޔޮ ރީތި އޮމާން ހަންގަޑެއް ކޮންމެ މީހަކުވެސް ބޭނުންވާނެކަށް ގައިމެވެ. އެކަމަށްޓަކައި މަހަކު އެތައް ރުފިޔާއެއް ބައެއް ފަރާތްތަކުން ހޭދަކުރަމުންދެއެވެ. އަގުބޮޑެތި އެކި ކަހަލަ ކްރީމްތަކާއި މޫން ދޮންނަ ފުޅިތައް ގަނެގެން ބޭނުންކުރަމުންދެއެވެ. ނަމަވެސް މިކަންކަމުން އެދެވޭ ކަހަލަ ނަތީޖާއެއް ގިނަ ފަހަރު ނުނިކުމެއެވެ. ވައި ތަޢައްޔަރުވުމުގެ ސަބަބުންނާއި، އިރުގެ އަލިންނާއި މޫސުމީ ބަދަލުތަކުންނާއި އަޅުގަނޑުމެންނަށް ބޭނުންނުރެވޭ ބައެއް ކަހަލަ ކޮސްމެޓިކްސް އިންވެސް ހަންގަނޑަށް ބަދަލުތަކެއް އާދެއެވެ. 

ދުޅަހެޔޮ ރީތި އޮމާން ހަންގަނޑެއް ދެމެހެއްޓުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި މުހިއްމު ރޯލެއް އަދާކުރެއެވެ. ސިނގިރޭޓު ބޯމީހުންގެ ހަންގަނޑުގެ ޑްރައިވެ އަވަހަށް މުސްކުޅިވާކަމަށް ދައްކައެވެ. މާގިނައިން އިރުގެ އަލީގައި އުޅެވޭނަމަ ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ކަސްރަތު ކުރުމަކީ ޞިއްހީ ގޮތުން ހަންގަނޑަށް ފައިދާ ކުރުވަނިވި ކަމެކެވެ. 

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން: 

ރަނގަޅަށް ނިދުން: 

އުމުރުން ދުވަސްވާ ވަރަކުން ހަންގަނޑުގެ ގުދުރަތީ މޮއިސްޗަރ ގެއްލިގެން ދެއެވެ. މިހެން ވުމުގެ ސަބަބުން ހަންގަނޑު ކުރަކިވާ ގޮތްވެދެއެވެ. ނިދުމުގެ ސަބަބުން ހަށިގަނޑުގައި ހަކަތަ އިތުރުވެ، ކާއެއްޗެހި ހަޖަމުކޮށްދީ ހަށިގަނޑަށް ބޭނުންވާ ގުދުރަތީ މޮއިސްޗަރ އުފައްދައިދެއެވެ. ހަންގަނޑުގެ ތެރެއަށް މި މޮއިސްޗަރ ފެސޭހައިން ފޯރައެވެ. ރަނގަޅު ނިދުމަކަށް ނިދުންވާނީ އެގައި ވަކި ޝަރުތުތަކެއް ހިމެނޭ ނަމައެވެ. އެގޮތުން ނިދުމުގެ ކުރިން މިންހެޔޮ ކެއުމެއް ކާލުން މުހިއްމުއެވެ. މާ ބޮޑަށް ބަނޑުހައިވެގެން ހުރެމެ އަދި މާ ގިނައިން ކައިގެންވެސް ނިދުން ރަނގަޅެއް ނޫނެވެ. 

ރަނގަޅު ކާނާ ކެއުން: 

ދުޅަހެޔޮ ރީތި ހަންގަނޑެއް ބޭނުންވާ ކޮންމެ ބޭފުޅަކުވެސް ރަނގަޅު ކާނާ ކެއުމަށް ސަމާލުކަށް ދޭން ޖެހޭނެއެވެ. އެގޮތުން ކިރާއި ބިހުގެ ރީދޫ ބަޔަކީ ހަންގަނޑު މުސްކުޅިވުމުން ދުރުކޮށް ( ލަސްކޮށް، މުސްކުޅިވުމުން ހަންގަނޑުން ފެންނަ އަލާމާތްތައް ކުޑަކޮށްދިނުން) ދިނުމަށްޓަކައި ކެއުމުގައި ހިމަނާލުމަށް ވަރަށް ރަނގަޅު ދެ އެއްޗެވެ. ރީތި ހަންގަނޑެއް ބޭނުންނަމަ ކެއުމުގައި ތެއްލާފައި ހުންނަ ގިނަ ބާވަތްތައް ނުހިމަނަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއްވައެވެ. 

ހަންގަނޑު މަސާޖުކުރުން: 

ހަންގަނޑު ޑްރައިވުމުން ހަންގަނޑު ހަޑި ކަމަށް ދައްކާނެއެވެ. ކުޑަ ތެޔޮފޮދެއް ބޭނުންކޮށްގެން ގަވައިދުން ހަންގަނޑު މަސާޖުކޮށް ހަދާނަމަ ހަންގަނޑު ޑްރައިވުމުން ސަލާމަތްކޮށްދޭނެއެވެ. 

މާމުތް ބޭނުން ކުރުން: 

މާމުތަކީ އޭގައި ވަރަށް ފައިދާ ލިއްބައިދޭ ގިނަ ވިޓަމިންސް އާއި މިނެރަލްސް އެކުލެވޭ އެއްޗެކެވެ. މީގެ އިތުރުން ދެ ބާވަތެއްގެ ހަކުރުކަމަށްވާ ފްރުކްޓޯޒް އަދި ސުކްރޯޒް މާމުތުގައި އެކުލެވެއެވެ. މި ދެ މާއްދާއަކީ ހަންގަނޑު މޮއިސްޗރ ކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. 

އެލޯވެރާ ޖެލް ބޭނުން ކުރުން: 

ހަންގަނޑަށް ޖެހޭ އެކި ކަހަލަ މައްސަލަތަކަށް އެލޯވެރާ ޖެލް އަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އެލޯވެރާ ޖެލް ގައި ހިމެނޭ އެލޯއިން ކިޔާ މާއްދާއަކީ ހަނގަޑު އަލި ކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން އެލޯވެރާ ޖެލްގައި އެންޓި-އިންފްލެމޭޓަރީ މާއްދާ ހިމެނެއެވެ. ވީމާ މިއީ ހަމުގެ އިންފްލެމޭޝަން މެނޭޖްކުރުމަށްވެސް ރަނގަޅު އެއްޗެކެވެ. 

ގިނައިން ފެން ބުއިން: 

ހަށިގަނޑު ހައިޑްރޭޓުކޮށް ބެހެއްޓުމަށްޓަކައި ދުވާލަކު މަދުވެގެން 8 ތަށި ފެން ބުއިމަށް އާދަ ކުރާށެވެ. ތަފާތު ވައްތަރުގެ ޖޫސް ހިމަނައިގެންވެސް މިއަދަދު ހަމަ ކުރެވިދާނެއެވެ. 

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.

 

- އުންމު ނަވާރު 

މަސްދަރު

Laila Shirbeigi, M.I. (2015) Skin aging remedies in traditional Persian medicine, Journal of Skin and Stem Cell. Available at: https://brieflands.com/articles/jssc-14661.html.  

Sanghvi, A.S. (2021) 8 home remedies for skin rejuvenation, eMediHealth. Available at: https://www.emedihealth.com/skin-beauty/more-skin-conditions/rejuvenate-dull-skin.

މިއަދު އޮންލައިން