ރާނބާފަތު ސައިގެ މަޤްބޫލުކަން އިތުރުވެ އަގު އުފުލެނީ! ރާނބާ ފަތުން ހަކުރު ބަލި، އާތަރައިޓިސް، ހިތުގެ ބަލިތައް ފަދަ ބަލިތަކަށްވެސް ފަރުވާކުރެވޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 53ސ
ރާނބާފަތު ސައިގެ މަޤްބޫލުކަން އިތުރުވެ އަގު އުފުލެނީ! ރާނބާ ފަތުން ހަކުރު ބަލި، އާތަރައިޓިސް، ހިތުގެ ބަލިތައް ފަދަ ބަލިތަކަށްވެސް ފަރުވާކުރެވޭ!

މާލޭގެ ބައެއް ހޮޓާ. ކެފޭތަކުގައި 5 ރުފިޔާއަށް ވިއްކަންފެށި ރާނބާފަތު ސައިތަށީގެ އަގު މިހާރު 10 ރުފިޔާ 15 ރުފިޔާއަށް އުފުލިއްޖެއެވެ. އަދި ފެންވަރު މަތީ ރެސްޓޯރަންޓްތަކުން 20، 25 ރުފިޔާއަށް ވިއްކާ ކަމުގެ އަޑުތައްވެސް އިވެއެވެ.  

ކުރިން ހުވަނދުމާ ސައި ލިބުނު ގޮތަށް މިހާރަކު ނުލިބެއެވެ. އެއީ ހުވަނދުމާގަސްތައް މަދުވެ މާ ނުލިބޭތީއެވެ. ރާނބާގަހަކީ ގިނަ ބައަކު އާމްދަނީ ހޯދަން ހައްދާ ގަހަކަށްވުމުން ޢާންމު ގޮތެއްގައި ބާޒާރުން ލިބެން ހުރެއެވެ. ވީމާ ރާނބާފަތުގެ ސަޔަށް އޮތީ ރަނގަޅު މުސްތަޤްބްލެކެވެ.

ތިރީގައިވާ ލިޔުމަކީ ރާނބާފަތުން ލިބޭ ޞިއްޙީ ފައިދާތައް ބަޔާންކޮށްފައިވާ ލިޔުމެކެވެ.  

އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ރާނބާފަތް މަޝްހޫރުވެފައިވަނީ ކާއެއްޗެހީގައި ރަހަމީރު ކޮށްލުމަށްޓަކައި ބޭނުންކުރާ ފަތެއްގެ ގޮތުގައެވެ. ރިހަ ކައްކާއިރު ރާނބާފަތްކޮޅެއް ނެތިއްޔާ ދިވެހިންގެ ހިތަށް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އެކި ބާވަތުގެ ބަތްގަނޑާއި ތަރުކާރީ ފަދަ އެއްޗެހި ތައްޔާރު ކުރާއިރު ރާނބާފަތް ބޭނުން ކުރެއެވެ. ފަހަކަށް އައިސް ދިވެހިންގެ ތެރެއަށް މަޝްހޫރުވީ ރާނބާފަތް ކޭކެވެ. އަޅުގަނޑަށް އަދި މި ކޭކު ރަހަބަލާލެވިފައި ނެތެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ ވަރަށްވެސް މީރު ކޭކެވެ.  

އާންމުކޮށް ރަހަ މީރުކޮށްލުމަށްޓަކައި ބޭނުން ކުރާ މިފަތް ނިސްބަތްވަނީ ޕަންޑަނޭސީ އާއިލާއަށެވެ. ރަހަ މީރުކޮށްލުމުގެ އިތުރުން މިފަތުން ޞިއްހީ އެތައް ފައިދާއެއްވެސް ލިބެއެވެ. އަދި ތަފާތު އެކި ބޭނުންތަކަށް މިފަތް ބޭނުންކޮށްއުޅެއެވެ. ރާނބާފަތް ފުރަތަމަ ފެނުނީ އިންޑޮނޭޝިއާއިން ކަމަށް ބުނެވެއެވެ. ރަށްފުށުގައި ވަރަށް ގިނަ ގޭގައި މިފަތް ހައްދާފައި ހުރެއެވެ. އާންމުކޮށް ރަށްފުށުން ގަންނަށް ނުޖެހޭ ހައްދަށް ބުރަ މަސައްކަތް ކުރަން ނުޖެހޭ މިފަތުން ފޯރުކޮށްދޭ ތަފާތު ފައިދާތަކަށް އަލިއަޅުވާލާނަމެވެ.

ހުޅުތަކުގައި ރިއްސުން ކުޑަކޮށްދިނުމަށް އެހީތެރިވުން: 

ރާނބާފަތުން އާތުރައިޓިސް އަދި ޖޮއިންޓް (ރާއްޖެބަލި އަދި ހުޅުގައި ރިއްސުން) ތަދު ކުޑަކޮށްދޭ ކަމަށް ބުނެވެއެއެވެ. ކުރެވުނު ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރަނބާފަތުން ތައްޔާރު ކޮށްފައިވާ ތެލުގައި ގިނަ އަދަދަކަށް ފައިޓޮކެމިކަލްސް ހިމެނެއެވެ. ފައިޓޮކެމިކަލްސްއަކީ ރާއްޖެބަލީގެ އަލާމާތްތައް ކުޑަކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ރާއްޖެ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުން ޑޮކްޓަރެއް ނުވަތަ ދިވެހި ބޭސްވެރިއެއްގެ ލަފާ ހޯދާލުމަށްފަހު މި ތެޔޮ ބޭނުން ކުރެވިދާނެއެވެ.  

ހަންގަނޑު ފިހުމާއި ރާނބާފަތް: 

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ހަންގަނޑު ކުޑަކޮށް ފިހުމުން ނުވަތަ އިރުގެ އަލިން ހަނަގަނޑު އެދުމުން އަދިވެސް އިތުރު ހަންގަނޑަށް ދިމާވާ ތަފާތު މައްސަލަތަކަށް ރާނބާފަތުގެ ޕޭސްޓް ބޭނުންކޮށް އުޅެއެވެ. ޕްރިލިމިނަރީ ދިރާސާތަކުން ( އިބްތިދާއީ ދިރާސާތައް؟ ) ދައްކާ ގޮތުގައި ރާނބާފަތުގައި އެކުލެވޭ ޓެނިކް އެސިޑްސްއިން ކުޑަކޮށް އަނދައިގެންދާ ތަންތަނަށް އަވަހަށް ފިނިކަން ފޯރުކޮށްދެއެވެ. މިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި އިތުރު ދިރާސާތަކެއް ކުރަން ޖެހެއެވެ.  

ހަކުރު ދަށްކޮށްދިނުމަށް އެހީތެރިވެދޭ:

ރާނބާފަތް ކެއުމުގައި ބޭނުން ކުރަން ފެށެމުން، ކެއުމަށްފަހު ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭކަމަށް ބުނެވެއެވެ. ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ކެއުމަށްފަހު ރާނބާފަތުން ތައްޔާރު ކޮށްފައިވާ ސައި ބުއި މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު، ރާނބާފަތު ސައި ނުބޯ މީހުންނަށް ވުރެން ދަށެވެ. މިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި އިތުރު ދިރާސާތަކެއް އަދި ކުރަން ޖެހެއެވެ. ޑޮކްޓަރާއި މަޝްވަރާ ނުކޮށް ހަކުރު ދަށް ކުރުމަށްޓަކައި ރާނބާފަތު ސައި ނުބޯށެވެ. ޞިއްހީ ހިދުމަތްތެރިންގެ ލަފައާއި ނުލައި ހަކުރު ދަށްކުރުމަށްޓައި އެކި ކަހަލަ ބުއިންތައް ބޭނުން ކުރުމުން އިތުރަށް ހާލަތު ގޯސް ވެދާނެއެވެ.   

ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުން:  

ދިރާސާތަކުން ދައްކާ ގޮތުގައި ރާނބާފަތަކީ ހިތަށް ރަނގަޅު އެއްޗެކެވެ. ރާނބާފަތުގައި އެންޓިއޮކްސިޑެންޓްގެ ތެރޭގައި ހިމެނޭ މާއްދާއެއް ކަމަށްވާ ކެރޮޓިނޮއިޑްސް ހިމެނެއެވެ. މި މާއްދާގެ އެހީގައި ހިތުގެ ބައްޔެއް ކަމަށްވާ އެތެރޮސްކްލެރޯސިސްޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.  

- އުންމު ނަވާރު 

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.

މަސްދަރު

Pandan Facts and Health Benefits (2022) Health Benefits | Health Benefits of foods and drinks. Available at: https://www.healthbenefitstimes.com/pandan/.

Pandan health benefits, nutrients per serving, preparation information, and more WebMD. Available at: https://www.webmd.com/diet/health-benefits-pandan.

މިއަދު އޮންލައިން