"ކަރަންފޫ ކާފޫރުތޮޅި އެޅީމާ ރަހަ މީރުވެ ހެޔިވަރުވެގެންދާނެ" ކަމަށް އަބަދުވެސް އަޑުއިވެއެވެ. ކަރަންފުލުގެ ހަޤީޤީ ފައިދާތައް ނުއެނގޭއިރުވެސް ދަތުގައި ރިއްސާނަމަ ބަނޑާއި ވައިގެ މައްސަލަތަކަށް ފަރުވާ ހޯދަން ކަރަންފޫ ތެޔޮ ބޭނުންކުރެއެވެ. މިހާރު މިވަނީ އިތުރު އެތައްކަމަކަށް ކަރަންފުލާއި ކަރަންފޫ ތެލުން ފައިދާކުރާކަން އެނގިފައެވެ. އެހެންވެ މިގެނެސްދެނީ ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ
ކަރަންފޫއަކީ މިރްޓޭސީ އާއިލާއަށް ނިސްބަތްވާ ސިޒްޖިއަމް އެރޮމެޓިކަމް ނަމަކަށް ކިޔާ ގަހަކުން ލިބޭ އެއްޗެކެވެ. ކަރަންފޫ މި ކިޔަނީ މިގަހުގައި ނުފޮޅި ހުންނަ މަލަށްށެވެ. ކަރަންފޫ ބިންނަށް ޖެހެނީ މީގެ ފިޔަތަކަށް ކުޑަ ފިޔާތޮށި ކުލައެއް އެރުމުންނެވެ. ފަރުވާތެރިކަމާއެކު އަތުން ނުވަތަ ހަރުގަނޑެއް ބޭނުންކޮށްގެން ކަރަންފޫ ބިދެއުޅެއެވެ. ކަރަންފޫ ބިނުމަށްފަހު ކަރަންފޫތައް އޭގެ ދަޑި ކޮޅުތަކުން އަތުން ވަކިކުރެއެވެ. އެއަށްފަހު ކުނަލެއް ނުވަތަ އެފަދަ އެހެންވެސް އެއްޗެއް މަތީ ކަރަންފޫތައް ފަތުރާލާފައި ހިއްކުމަށް ބަހައްޓައެވެ. ކަރަންފޫތައް ރަނގަޅަށް ހިކުމަށް އާންމު ގޮތެއްގައި 4 ދުވަހާއި 5 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ. ކަރަންފޫ އާންމުކޮށް ހައްދާ ގައުމުތަކުގެ ތެރޭގައި އިންޑަނޭޝިއާ، މޭލޭޝިއާ އަދި އިންޑިއާ ހިމެނެއެވެ.
ތަފާތު އެކި ބޭނުންތަކަށް ކަރަންފޫ ބޭނުންކޮށް އުޅެއެވެ. ބަދިގޭގެ ކެއްކުމުން ފެށިގެންގޮސް ބޭސްވަރިކަމުގެ މައިދާނުގައިވެސް ކަރަންފޫ މީ މަޤުބޫލު އެއްޗެކެވެ. އެކި ވައްތަރުގެ ބަތްގަނޑު ތައްޔާރު ކުރުމުގަޔާއި ބައެއް ކަހަލަ ސެލެޑްއާއި ސޫޕް އެއްޗެހި ތައްޔާރު ކުރުމުގައިވެސް ކަރަންފޫ ބޭނުންކޮށް އުޅެއެވެ. އަޅުގަނޑުމެން ތެރޭގައި މަޝްހޫރު އެކި ކަހަލަ ހާރބަލް ސައިތައްވެސް ކަރަންފޫ ބޭނުންކޮށްގެން ހަދައެވެ. މަސް ފިހާއިރު ރަހަގަނޑު ރަނގަޅު ކޮށްލުމަށްޓަކައިވެސް ކަރަންފޫ ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ތަފާތު އެކި ވައްތަރުގެ ޕުޑިންއާއި ކުކީސް އަދި ކޭންޑީ ފަދަ އެއްޗެހީގެ ރަހަ ރަނގަޅު ކޮށްލުމަށްޓަކައި ކަރަންފޫ ބޭނުންކޮށް އުޅެއެވެ.
ކަރަންފޫއަކީ ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަން ރަނގަޅުކުރަން އެހީތެރިވެދޭ އެއްޗެކެވެ. ނިއުޔޯކް ސިޓީގެ މައުންޓް ސިނާއީ ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރެއް ކަމަށްވާ އެމްޑީ ނީލް ޝެޗްޓާ ވިދާޅުވާ ގޮތުގައި ކަރަންފޫ ބޭނުންކުރުމުގެ ސަބަބުން ކަރުތެރެއާއި އެސޯފެގަސް އަށަގެނެފައިވާ މިއުކަސް ކެއްސުމުގެ ޒަރިއްޔާއިން ބޭރު ކޮށްދޭނެއެވެ.
ގޭހަށްށާއި ބްލޯޓިން ވުމުގެ އުދަގޫތަކަށް ކަރަންފޫ ތެލުން ފަރުވާ ހޯދިދާނެއެވެ. އަދި މީގެ އިތުރުން ކަރަންފޫ ތެލަކީ ބަނޑާއި ގުޅުން ހުންނަ އެކި ކަހަލަ ބަލިތަކަށް ރަނގަޅު އެއްޗެކެވެ. އޭގެ ތެރޭގައި މޭނުބައި ކުރާ ގޮތްވުން، އުކުނޑި ކޮއްޓުން އަދި ހޮޑުލެވުންފަދަ ކަންތައް ހިމެނެއެވެ. ބަނޑުގެ މައްސަލައެއް އުޅޭކަމަށް ފާހަގަ ވެއްޖެނަމަ ޑޮކްޓަރަށް ދައްކައި އެވަނީ ކިހިނެއްތޯ ބަލައިލުން މުހިއްމެވެ. ޑޮކްޓަރާ މަޝްވަރާ ނުކޮށް އެކި ކަހަލަ ހާބްސް ނުވަތަ ފަރުވާ ބޭނުންކުރުމަކީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެކެވެ. ތަދު ކަނޑުވާ ބޭހެއްގެ ގޮތުގައި ކަރަންފޫ ބޭނުން ކުރެއެވެ. އެގޮތުން ދަތުގައި ރިހުން ވަގުތީ ގޮތުން ކަނޑުވައިލުމަށް ކަރަންފޫ ތެޔޮ އެއީ ރަނގަޅު އެއްޗެކެވެ.
އެކި ކަހަލަ ބެކްޓީރިއާއި ދެކޮޅަށް ކަރަންފޫ މަސައްކަތް ކުރެއެވެ. އޭގެ ތެރޭގައި އީ ކޯލީ، ބެސިލަސް ސެރިއަސް އަދި ސްޓެފިލޮކޮކަސް އޯރިއަސް ހިމެނެއެވެ. ކަރަންފޫއާއި ބެހޭގޮތުން ކުރެވުނު ދިރާސާތަކުން އެންޓިމައިކްރޯބިއަލް ޕްރޮޕަޓީތައް ވަނީ ފެނިފަ އެވެ. އިންސާނުންގެ ގައިން ގަޔަށް އަރާ ބަލިތަކާ ދެކޮޅަށް ކަރަންފޫ އެހީތެރިވާކަށް ދެނެގަތުނަށްޓަކައި އިތުރު ޓްރަޔަލްތަކެއް ކުރަން ޖެހެއެވެ. އެހެންކަމުން ޞިއްޙީ ޚިދުމަތް ދޭ ފަރާތާއި މަޝްވަރާކުރުމަށްފަހު މެނުވީ މިފަދަ ބެކްޓީރިއާއިތަކާ ދެކޮޅަށް ކަރަންފޫ ބޭނުން ނުކުރުން އެދެވިގެންވެއެވެ.
ކަރަންފޫ ތެލަކީ އިންސޮމްނިއާ، އެންޒައިޓީ، ހަނދާން ނެތުމާއި ޑިޕްރެޝަން، ވަރުބަލިވުން އަދި ނަފްސާނީ ބައްޔަށްވެސް ރަނގަޅު އެއްޗެއްކަމަށް ބުނެވެއެވެ. ކަރަންފޫ ތެޔޮ ބޭނުންކޮށްގެން ޖަނަވާރުންގެ ޑިޕްރެޝަން މެނޭޖް ކުރުމަށްޓަކައި ދިރާސާއެއް ކުރެވުނެވެ. އޭގެ ނަތީޖާއިން ކަރަންފޫ ތެލުގައި އެންޓި-ޑިޕްރެސެންޓް އަސަރު ހުންނަ ކަމަށް ދައްކައެވެ.
- އުންމު ނަވާރު
މަސްދަރު
Barrie, L. (2023) 4 clever uses for Cloves, Health.
Gupta, Dr.S. (2023) Clove (Laung): Uses, benefits, side effects and more!, PharmEasy Blog.
Hussain, S. et al. Clove: A review of a precious species with multiple uses - researchgate.