ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ގިނަ ކަންތަތއްތަކެއް ކުރުމަށްފަހު ހިންގާ މަޝްރޫއެއް ކަމަށް ރައީސް ޔާމީނުގެ މާލީ ވަޒީރު އަޙްމްދު މުނައްވަރު ފާހަގަކުރައްވާފައިވާ ނަސަންދުރަ ޕެލެސް ހޮޓަލުގެ މައްސލައިގައި އަންނަ ހަފްތާގަ މީޑިއާތަކަށް ޖަވާބު ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. މާފުށީގައި ނޫސްވެރިން އިއްޔެ ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޢަލީ ވަޙީދު ވިދާޅުވެފައިވަނީ މިސަރުކާރުގެ ފުރަތަމަ ހަފްތާގައި ކުރެއްވި މަސައްކަތްޕުޅަކީ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައި ޚިޔާލު ހޯއްދެވުން ކަމަށެވެ.
އަދި "ވަކިވަކި ކޭސްތަކުގައި ކުރާ ސުވާލުތަކަށް އަންނަ ހަފްތާގައި ޖަވާބު ދެއްވާނެ ކަމަށެވެ. ރައީސް ޔާމީނުގެ ގެކޮޅު ވެސް އަޅަނީ ނަސަންދުރަ އަޅަމުންދާ ކުންފުނިން ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. އަދި ރިޒޯޓް ތަރައްޤީކުރަން އެ ކުންފުންޏަށް 2 ރަށެއް ލިބިފައިވާ ކަމަށް ލަންކާގެ ބައެއް ނޫސްތަކުގައި ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އެ ކުންފުންޏަށް ވަނީ ހުޅުމާލޭގައި ފްލެޓްއެޅުމަށްވެސް މަޝްރޫއެއް ލިބިފައެވެ.
ޢަލީ ވަޙީދު އިއްޔެ ވިދާޅުވީ ޓޫރިޒަމް މިނިސްޓރީގެ ކަންކަމަށް ފާރަވެރިވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށާއި އޭސީސީގައި ވެސް މިހާރު ވާނީ އެކަމަށް އެދިވަޑައިގެންފައި ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އެއްވެސް އެކައުންޓަކުން އެއްވެސް ފަރާތެއް އެމަނިކުފާނުގެ މިނިސްޓަރުކަމުގައި ބްލޮކް ނުކުރައްވާނެ ކަމަށާއި ކަންކަން ކުރައްވާނީ ހުރިހާ މީޑިއާތަކަށްވެސް ދައުވަތު ދެއްވައިގެން ކަމަށެވެ.