ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މައިގަނޑު ބާވަތްތައް ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ ވަރަށް އުފެއްދުމަށް މަސައްކަތްކޮށް، ފުޑް ސެކިޔުރިޓީ ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ވިލުންތެރި އިޤްތިޞާދެއް ޤާއިމްކުރުމަށްޓަކައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތައް އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މި އަމާޒަށް ވާސިލްވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް ވަރަށް ފަހި މާޙައުލެއް މިހާރު ޤާއިމްކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، "މިއަމާޒަށް ވާސިލްވުމުގެ ގޮތުން، އެގްރިކަލްޗަރ އިންވެސްޓްމަންޓްތަކަށް ވަރަށް ފަހި މާޙައުލެއް މިހާރު ވަނީ ޤާއިމްކުރެވިފައި. އަދި ދަނޑުވެރިކަމުގެ ވިޔަފާރިތައް އިތުރުކޮށް، މިދާއިރާއަށް ޕްރައިވެޓް އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި" ކަމަށެވެ.
މީގެ އިތުރުން، 'ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް'ގެ ދަށުން ގއ. ކޮނޑޭގައާއި ކ. ކާށިދޫގައި ދަނޑުވެރިކަމުގެ މަޝްރޫޢެއް ފެށުމަށް މިހާރު ހުޅުވާލާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި ލ. ގަމުގައާއި ހދ. ނޮޅިވަރަމުގައިވެސް މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މިއަހަރުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމާއި، އުފެއްދުންތައް ގަނެވިއްކުމުގައި ދަނޑުވެރިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ރައީސްގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.