ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ ނަމުގައި ޚާއްސަ ސެންޓަރެއް ޤާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ ނަމުގައި ޚާއްސަ ސެންޓަރެއް ޤާއިމުކުރަނީ

ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ ނަމުގައި ޚާއްސަ ސެންޓަރެއް ޤާއިމުކުރަން ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރާއްޖޭގައި ދެމުންދާ ތެރަޕީގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަލަށް އުފައްދާ މި ސެންޓަރުން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މި ސެންޓަރުގެ ޚިދުމަތްތައް އަތޮޅުތަކަށްވެސް ފުޅާކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި މަޝްރޫޢުގެ ތަފްޞީލްތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، "ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބޭ، ސްޓޭޓް އޮފް ދަ އާރޓް ތެރަޕީ ސެންޓަރެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރު މެދުތެރޭގައި ފަށާނަން. އަދި މި ސެންޓަރުގެ ގޮފިތައް އެހެން ހުރިހާ ސިޓީ ތަކެއްގައި ޤާއިމް ކުރުމުގެ މަސައްކަތްވެސް އެކުއެކީގައި ފެށިގެންދާނެ،" ކަމަށެވެ.

މީގެ އިތުރުން، މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ދިނުމަށް ނިންމާފައިވާ ނިންމެވުމަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. ރައީސް ވިދާޅުވީ މި ނިންމުން މުރާޖާކުރައްވާ، އެ ޚަރަދުން ވަކި އިންސައްތައެއް ތެރަޕީ ސެންޓަރުތަކުން ފުރިހަމައަށް ޚިދުމަތްދެވޭނެ ފަދަ ގޮތަކަށް ހޭދަކުރުމަށް ހަމަޖައްސަވާނެ ކަމަށެވެ.

މި ސެންޓަރު ޤާއިމުކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން