އަތޮޅުތަކުގެ 9 ސަރަޙައްދެއްގައި މިއަހަރު ޔޫތު ހަބު ޤާއިމުކުރުމަށް ވަނީ ނިންމާފައި: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އަތޮޅުތަކުގެ 9 ސަރަޙައްދެއްގައި މިއަހަރު ޔޫތު ހަބު ޤާއިމުކުރުމަށް ވަނީ ނިންމާފައި: ރައީސް

އަތޮޅުތަކުގެ 9 ސަރަޙައްދެއްގައި މިއަހަރު ޔޫތު ހަބު ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޒުވާނުންނާ ގުޅުންހުރި ހުނަރުވެރި ހަރަކާތްތައް ހިންގުމަށާއި އިންތިޒާމުކުރުމަށް މިހާރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ޔޫތު ހަބު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާކަމަށެވެ. މީގެ އިތުރުން، އިތުރު 9 ރަށެއްގައި ޔޫތު ހަބު ޤާއިމުކުރުމަށް ބިން ހަމަޖައްސައި، އެކަމުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ކުރިއަށް ގެންދަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ޔޫތު ހަބުތައް ޤާއިމުކުރުމަށް ނިންމާފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، އަދި ގއ. ވިލިނގިލި އެވެ.

މި ޔޫތު ހަބުތަކަކީ ޒުވާނުންނާ ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމަށާއި، މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމަށް ޚާއްސަކޮށްގެން ފަރުމާކުރެވޭ ތަންތަނެވެ. އަދި ޒުވާނުންނަށް ދުޅަހެޔޮ، ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާހައުލެއް މިތަންތަނުން ފަހިކޮށްދެވޭނެއެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ހަބުތައް ވެގެންދާނީ ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ މަރުކަޒުތަކަކަށެވެ. މިއީ ޒުވާނުންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން