ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާއާއި މުހިންމު އަސާސީ ތަމްރީންތައް ހިންގުމަށް ހެދިގެންދާ 'އެމްޕަވަރމަންޓް ހަބް' ގެ އަމަލީ މަސައްކަތް މި އަހަރު ޖެނުއަރީ މަހު ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން، 'އެމްޕަވަރމެންޓް ހަބް' އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، މާލީ ތަނަވަސްކަން އިތުރުކުރުމަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ގާއިމުކުރެވިގެންދާ ހަބެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިގެން ގާއިމުކުރެވޭ މި ހަބްގެ ސަބަބުން، ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢުއަށް ނިކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހިކޮށްދޭނެ ފުރުޞަތުތައް ހޯދައިދެވިގެންދާނެއެވެ. މީގެ އިތުރުން މިނިވަންކަމާއެކީ، އެފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ ފުރުޞަތުތައްވެސް ލިބިގެންދާނެއެވެ.
މި ޕްރޮޖެކްޓަކީ މި ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.
ހަބަރު: ސަރުކާރު