ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދީންނަށް ޢާއިލީ ވެށްޓެއްގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރި މަސައްކަތުން، މިހާތަނަށް 110 ކުދިންނަށް ޢާއިލީ ވެށްޓެއް ހޯދައިދެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް އެކި ސަބަބުތަކާހުރެ ގެނެވޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެފަރާތްތަކުގެ ހާލަތު ބަދަލުކުރެވޭނެ ފުރުސަތުތަކެއް ހޯދައިދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން މި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ އެއް މަސައްކަތެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
"އެއްވެސް ފަރުދެއް ބާކީ ނުވާނެހެން ހަމަހަމަކަމާ ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ސިޔާސަތަކީ މި ސަރުކާރުން ހުރިހާ ދާއިރާއަކުންވެސް ޚިދުމަތް ކުރުމުގައި ޤަބޫލުކުރާ ހަމަ." ރައީސް ވިދާޅުވިއެވެ.
ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި، ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމަށް ކުރިއަށްގެންދެވޭ 'ކޮންމެ ކުއްޖަކަށް ޢާއިލާއެއް' ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއްވެސް މެއެވެ.
'ކޮންމެ ކުއްޖަކަށް އާއިލާއެއް' ޕްރޮގްރާމުގެ ދަށުން ފޮސްޓަރިންގެ ނިޒާމު ހަރުދަނާކޮށް ވަގުތީގޮތުން ކުދިން ފޮސްޓަރކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިގެން ގޮސްފައެވެ.