ދިވެހި ތެރަޕިސްޓުން އުފެއްދުމުގެ ޤައުމީ މަޝްރޫޢެއް މި އަހަރު ގެ މާރިޗު މަހުގެ ތެރޭގައި ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން، ރާއްޖޭގައި އެންމެ ގިނަ މީހުން ފަރުވާ ބޭނުންވެ އެކަށީގެންވާ ފަރުވާ ދިނުމުގައި އިންސާނީ ވަސީލަތް ނެތް އެއް ދާއިރާގެ ގޮތުގައި، އެކި ކަހަލަ ތެރަޕީތައް ހިމެނޭކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން، މި ދާއިރާއިން 250 ދިވެހީން އުފެއްދުމަށްޓަކައި ރާއްޖޭގައި ޑިގްރީ ފެންވަރަށް ތަޢުލީމާއި ތަމްރީން ދިނުމުގެ ކޯސްތަކެއް ހިންގުމަށާއި ދަސްވެނިވާ ފަރާތްތަކާއެކު ހެދޭ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަށް ނެރުމަށްޓަކައި ދިވެހި ތެރަޕިސްޓުން އުފެއްދުމުގެ ޤައުމީ މަޝްރޫޢެއް މި އަހަރު ގެ މާރިޗު މަހުގެ ތެރޭގައި ފަށާނެކަމުގައި ރައީސް ވަނީ ރިޔާސީ ބަޔާނުގައި އަލިއަޅުވާލާފައެވެ.
"މިހާރުން މިހާރަށްވެސް ޙައްލެއް ހޯދުމުގެ ގޮތުން ސްޕީޗް ތެރަޕިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިޔަރަލް ތެރަޕިސްޓުން އަދި ފިޒިއޮތެރަޕިސްޓުންނާއި ސައިކޯތެރަޕިސްޓުން ހިމެނޭހެން ކުރިޔަށް އޮތް 6 މަސް ދުވަސް ތެރޭގައި ރާއްޖެއިން ބޭރުން 50 ތެރަޕިސްޓުން ގެނައުމަށް ނިންމާފައިވާ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ، ހުޅުމާލޭގައި ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސަސް އެންޑް ތެރަޕީ ސެންޓަރ ގެ ނަމުގައި، ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބޭ، ސްޓޭޓް އޮފް ދަ އާރޓް ތެރަޕީ ސެންޓަރެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ވެސް މިއަހަރު މެދުތެރޭގައި ފަށާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި މި ސެންޓަރުގެ ގޮފިތައް އެހެން ހުރިހާ ސިޓީ ތަކެއްގައި ޤާއިމް ކުރުމުގެ މަސައްކަތްވެސް އެކުއެކީގައި ފެށިގެންދާނެކަމަށާއި، މި ސެންޓަރުތަ ޤާއިމް ކުރެވުމުން، ތެރަޕީގެ ޚިދުމަތަށް ހިނގާ ހުރިހާ ޚަރަދެއް މިއަހަރު ޖެނުއަރީ 1 އިން ފެށިގެން އާސަންދަ ދޭ ގޮތަށް އޮތް އޮތުން މުރާޖަޢާކޮށް އެ ޚަރަދުން ވަކި އިންސައްތައެއް މި މަރުކަޒުތަކުން އެ ހުރިހާ ޚިދުމަތެއް އެންމެ ފެންވަރު ރަނގަޅުކޮށް، ހިލޭ ލިބިގެންދިޔުމަށް ހޭދަކުރާގޮތަށް ހަމަޖައްސާނެ ކަމުގައި ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ހަބަރު: ސަރުކާރު