ޖޭޕީއަށް ފާޑުކިޔުން އިތުރުވަނީ ޕާޓީ އިތުރަށް ވަރުގަދަވަމުން އަންނާތީ: ޢަބްދުﷲ ރިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޖޭޕީއަށް ފާޑުކިޔުން އިތުރުވަނީ ޕާޓީ އިތުރަށް ވަރުގަދަވަމުން އަންނާތީ: ޢަބްދުﷲ ރިޔާޟް

ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ފާޑުކިޔުން އިތުރުވަމުން އަންނަ ކަމަށާއި ފާޑުކިޔުން އިތުރުވަނީ ވަރުގަދަ ޞަޚްޞިއްޔަތުތައް ޕާޓީ އާއި ގުޅި ޕާޓީ އިތުރަށް ވަރުގަދަވަމުން އަންނާތީ ކަމަށް ޖޭޕީގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

މެންބަރު ޢަލީ ޝާހް ޖޭޕީ އާއި ގުޅުމަށް ރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޢަބްދުﷲ ރިޔާޟް ވިދާޅުވީ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި ނައިބުރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި ޑިފެންސް މިނިސްޓަރުކަމާއި އެހެންވެސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުން ވެސް ޕާޓީގައި މިހާރުވެސް އެބަ ތިއްބެވި ކަމަށެވެ.

ހަމަ އެއާއިއެކު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އަކީ ދިވެހި ޤައުމަށާއި ރައްޔިތުންގެ ޙައްޤުގައި އެންމެ ބޮޑު ޤްރްބާނީއެއްވެވަޑައިގެންފައިވާ ލީޑަރު ކަމަށެވެ. ޢަބްދުﷲ ރިޔާޟް ވިދާޅުވީ މިއީ ވަކި މީހެއްގެ ޤައުމެއް ނޫން ކަމަށާއި ހުރިހާ ދިވެހި ރައްޔިތުންގެ ޤައުމު ކަމަށެވެ.

މަޖިލީހުގައި މިހާރު ކުރެވެމުން ދަނީ ޤައުމުގެ އެންމެހައި ކަންކަން ހަމަ މަގަށް އަޅުވައި ހުރިހާ ކަމެއްވެސް އިންޞާފުގެ މަގަށް ގެންނަން ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތަތްކެއް ކަމަށެވެ.

ޢަބްދުﷲ ރިޔާޟް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ހުންނެވުމާއިއެކު އެމަނިކުފާނަށް ބޭނުންވާ އެއްބާރުލުން މަޖިލީހުގައި ދިނުމަށްޓަކައި ޖޭޕީގެ މެންބަރުންނަކީ ނުފޫޒުގަދަ ބައަކަށް ވާންޖެހޭ ކަމަށެވެ. އަދި ޖޭޕީގެ މެންބަރުންގެ އަދަދު އިތުރުކުރުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޢަބްދުﷲ ރިޔާޟް ވިދާޅުވީ ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޖިލީހުގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ "ލެޖިސްލޭޓިވް އެޖެންޑާ" ވީހައި ފުރިހަމައަށް ތަންފީޒުކުރެއްވުމަށް ކަމަށާއި އެކަމަށް ބޭނުންފުޅުވާ އެއްބާރުލުން ޖޭޕީގެ ޕީޖީ ގްރޫޕުގެ ހުރިހާ މެންބަރުންވެސް މަޖިލީހުގެ ރައީސަށް އަރުވަމުން ގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން