ރައީސް ޔާމީނުމަތިން ހަނދާން ނައްތާލައިފިނަމަ ކޯލިޝަނުން ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ނުދެވޭނެ ކަމަށް ޖޭޕީގެ ޕީޖީ ލީޑަރު ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު މެދުދާއިރާގެ މެންބަރު ޢަލީ ޝާހް ޖޭޕީ އާއި ގުޅިވަޑައިގަތުމަށް ރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޢަބްދުﷲ ރިޔާޟް ވިދާޅުވީ ރައީސް ޔާމީން މަތިން އެއްގޮތަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
"ރައީސް ޔާމީން އަދިވެސް ދުނިޔޭގަ އެބަހުރި. ރައީސް ޔާމީނަކީ ވަރަށް "ވިކްޑް" (މަކަރުވެރި) މީހެއް. ރައީސް ޔާމީން މިޤައުމަށް ކުރި އަނިޔާ، މުޅި ޤައުމުގެ ހިންގުމުގެ ނިޒާމު ފުޑާލައިގެން ދިން ގެއްލުންތައް އަޅުޣަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ.
އެހެން ދިމާއަކަށް އަޅުގަނޑުމެންގެ ފޯކަސް ބަދަލުވެގެން ނުވާނެ." ޢަބްދުﷲ ރިޔާޟް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ވެސް އެންމެ މުހިންމު މަސައްކަތަށް ވާންޖެހޭނީ ރައްޔިތުންނަށް ގެއްލިފައިވާ ފައިށާތައް އަނބުރައި ހޯދަ ދިނުމަށް ވެފައިވާ ވައުދު ފުއްދުން ކަމަށެވެ. ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ކަމަށެވެ. އިންތިހާއަށް ކޮށްފައި ހުރި އަނިޔާތައް ބެލުން ކަމަށެވެ. ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ކޮށްފައި ހުރި ކަންތައްތައް ބެލުން ކަމަށެވެ.
ޢަބްދުﷲ ރިޔާޟް ވިދާޅުވީ މިމަސައްކަތްތައް ރަނގަޅު ގޮތުގައި ކުރެވޭނީ ކޯލިޝަން އެކުގައި މަޖިލީހަށް ގޮސް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަމަޖެހިވަޑައިގެން ހުންނަވައި ވެރިކަން ކުރެއްވޭނެ 5 އަހަރު ދީގެން ކަމަށެވެ. "މިއަމާޒު ގެއްލިއްޖެނަމަ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށެއް ނުދެވޭނެ." ޢަބަދުﷲ ރިޔާޟް ވިދާޅުވީ ކޯލިޝަނަށް ތާއީދުކޮށް ރައްޔިތުން ވޯޓުދިނީ ގިނަ ވައުދުތަކެއް ވެގެން ކަމަށާއި އެއިގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ 5 އަހަރު ކޯލިޝަނުގެ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
"ކޯލިޝަނުގެ އެއްބަސްވުން އޮތީ ހަމަ އެކަނި ރިޔާސީ އިންތިޚާބަކަށް ނޫން. ކުރިއަސް އޮތް މަޖިލިސް އިންތިޚާބާއި ކައުންސިލްތަކުގެ އިންތިޚާބުގައިވެސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވަނީ." ޢަބްދުﷲ ރިޔާޟް ވިދާޅުވީ ކޯލިޝަނުގެ އެއްބަސްވުމަށް ޖޭޕީން ފުރިހަމައަށް އަމަލުކުރާނެ ކަމަށާއި އަދި ކޯލިޝަނުގެ އެހެން މެންބަރުންވެސް ޢަމަލުކުރައްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ. އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފަދައިން ހުރިހާ ކަމެއްވެސް ކުރަމުން ގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.
ކޮންމެ ޕާޓީއަކަށްވެސް ޙައްޤު މިންވަރު އެއްބަސްވުމުގައި ވަނީ ބަޔާންކޮށްފައި ކަމަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައިދިނުމަށް ކުރަން އޮތް ކަމަކީ އެއްބަސްވުމަށް ފުރިހަމައަށް ޢަމަލު ކުރުން ކަމަށްވެސް ޢަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.