ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން މިއަދު ތާއީދުކޮށްފިއެވެ.
މި މަހުގެ 2 ވަނަ ދުވަހު ހައްޔަރުކުރި، އުމުރުން 64 އަހަރުގެ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އޭނާ އަދިވެސް ގެންދަވަނީ އެ ބަންދުގެ މުއްދަތު ތަންފީޒުކުރައްވަމުންނެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް ނިންމާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ހައިކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ދަށު ކޯޓުން ނެރުނު އަމުރަށް މިއަދު ހައިކޯޓުން ތާއީދުކޮށްފައިވާ ކަމަށެވެ.
ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، ހައިކޯޓުގައި މި މައްސަލައިގެ އަޑުއެހުންތަކާއި ހުކުމްކުރުމުގެ އަޑުއެހުން ވެސް ތާވަލުކޮށް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. އަދި ހުކުމްކުރުމުގެ އަޑުއެހުން ތާވަލުކުރީ ޝާހިދުގެ ނަން ވެސް ސިއްރުކޮށްގެންނެވެ.
އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.