ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން ކޮމިޓީއަށް ހާޒިރުވެ ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ދޭން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން ކޮމިޓީއަށް ހާޒިރުވެ ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ދޭން ނިންމައިފި

ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ރިއަލް އެސްޓޭޓް ވިޔަފާރިއަށް މަގުފަހިކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓުގެ ވިޔަފާރީގެ ބިލާ ގުޅޭގޮތުން، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން ކޮމިޓީއަށް ހާޒިރުވެ ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނިންމައިފިއެވެ.

މިގޮތަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. މި ހުށަހެޅުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ތާއީދު ކުރެއްވިއިރު، އެ ނިންމުން ފާސްވެގެން ދިޔައީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ޚިޔާލު ހޯދުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެއްވެސް މެންބަރަކު އެ ހުށަހެޅުމަށް ތާއީދު ނުކުރެއްވުމާ ގުޅިގެން އެ ދުވަހު އެކަމަށް ވޯޓަކަށް ނާހައެވެ. މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ޝުޖާއު ވިދާޅުވީ، ކޮމިޓީގެ މަސައްކަތްތައް އަބަދުވެސް ކުރިއަށް ގެންދާނީ މައިނޯރިޓީގެ އަޑުއަހައި އެފަރާތްތަކަށް އިހުތިރާމް ކޮށްގެން ކަމަށެވެ. އެހެންކަމުން މެންބަރު ސަމީރުގެ ހުށަހެޅުއްވުމަކީ މުހިންމު އަދި ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަނެ، އެކަން ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ޕާޓީތަކާއި ޖަމިއްޔާތަކުން މަޖިލީހަށް ލިޔުމުން ފޮނުވަން ޖެހޭނީ ސީދާ ބިލަށް ހުށަހަޅާ ޚިޔާލުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، ބިލާ ގުޅޭގޮތުން ކޮމެންޓްކުރަން ބޭނުންވާ ކަމުގެ ޝައުގުވެރިކަން ފާޅުކޮށް ލިޔުން ފޮނުވުމުން، އެ ފަރާތްތައް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކޮށް ސީދާ ބައްދަލުވުމުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު މަޖިލީހުން ފަހިކޮށްދޭނެއެވެ.

އާންމު އުސޫލުން މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް ޚިޔާލު ހޯދަން 7 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، މި ބިލަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާއި ކަންބޮޑުވުންތައް ހިމެނޭނެ ބިލަކަށްވާތީ 14 ދުވަހުގެ މުއްދަތެއް ދޭން ނިންމީ ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ހޯދުމުގެ ބޭނުމުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެއިތުރުން، ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލުތަކުގެ އަލީގައި ކަމާގުޅޭ ވުޒާރާތަކާ ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް މުގައްރިރު ވިދާޅުވިއެވެ.

މިއަދު އޮންލައިން